ލައިލަކް ގޭގައި ރޯވުމުން އެގޭގެ ކަރަންޓު ކޭބަލްތައް ވަނީ އަނދާހުލިވެފައި: އެމްއެންޑީއެފް

ގ. ލައިލަކް ގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ ކަރަންޓު ކޭބަލްތަކާއި ފެން ވަޔަރިން އެއްކޮށް އަނދާ ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެތަނުން ބުނިގޮތުގައި އަމީނީ ގޯޅީގައި ހުންނަ އެ ގޭގައި ރޭ އަލިފާން ރޯވީ ހަ ބުރިއަށް އިމާރާތް ކޮށްފައި ހުންނަ އެ ގޭގެ އެންމެ ތިރީ ބުރީގެ ސިޑި ގޮޅީގަ އެވެ. ސިޑިގޮޅި ހުންނަނީ އިމާރާތުން ނިކުންނަން ހުންނަ ދޮރާ ޖެހިގެން ކަމަށް ވުމުން، އެގޭގެ އެހެން ބުރިތަކުން މީހުން ތިރިއަށް ފޭބުމަށް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.އެކަމަކު އެމްއެންޑީއެފުން ބުނީ ދެވަނަ ބުރީގައި އުޅޭ މީހުން މާގިނަ އިރެއް ނުވެ ސިފައިންގެ އެހީގައި ތިރިއަށް ބާލުވާފައިވާ ކަމަށެވެ. މި ހާދިސާގައި މީހަކަށް އެއްވެސް އަނިޔާއެއް ނުވި ނަމަވެސް ގޭގެ ކަރަންޓު ކޭބަލްތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެތަނުން ބުންޏެވެ. "ގޭގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން އަނދައި، ގެއްލުންވީ ގޭގެ ބައެއް ހޮޅިތަކަށާއި ކަރަންޓު ކޭބަލްތަކަށް،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު މިއަދު ވިދާޅުވި އެވެ. ކަރަންޓު ކޭބަލްތަކުގައި ރޯވުމުން އެ ގެއަކު ކަރަންޓެއް އަދި ނެތެވެ. އެމްއެންޑީއެފުން ބުނީ ރޯވި އަލިފާންގަނޑު ވިއްސަކަށް މިނިޓްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ