ކޮރަޕްޝަންގެ ތުހުމަތުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް، ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ޓުވީޓާ މެދުވެރިކޮށް ނިހާނު ވިދާޅުވެފައި ވަނީ، " ރައީސް މައުމޫން އޭސީސީއަށް ގެންދޭޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ތީމުގޭ އޮޑިޓް ރިޕޯޓްތަކަކީ މާކުން ނައީމްގެ ސިޔާސީ ބޮމެއް" މިގޮތަށެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ "ސަން" އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މައުމޫން އޭސީސީ އަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ ވެރިކަމުގައި އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގެ އާއި ބެހޭ ގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތަޙްޤީޤަށް ކަމަށެވެ.
ހަސަން ލުތުފީ ވިދާޅުވީ ތީމުގޭގެ އޮޑިޓް ރިޕޯޓްގެ މައްސަލަ އަކީ ކުރިން ވެސް ފުލުހުންނާއި ގުޅިގެން އޭސީސީ އިން ތަޙްޤީޤު ކުރަމުން އައި މައްސަލައެއް ކަމަށާއި އެމައްސަލައިގައި ބައެއް މީހުންގެ ބަޔާން މީގެ ކުރިން ވެސް ނަގާފައިވާ ކަމަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި ތީމުގޭގެ ބަޖެޓުން ޤާނޫނާއި ޤަވައިދާއި ހިލާފަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްފައިވާ ކަމަށް 2008 ގެ ރިޔާސީ އިންތިޙާބު ކައިރި ވެފައި ވަނިކޮށް އޭރުގެ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ވިދާޅުވެފައި ވެއެވެ.
އެމައްސަލަ ތަޙްޤީޤުކޮށް ރައީސް މައުމޫނާއި ދެކޮޅަށް ދައުވާ އުފުލުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައި ވެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް އެތަޙްޤީޤު އޮތީ މަޑުޖެހިފައެވެ.
މައުމޫން އޭސީސީއަށް ހާޒިރުކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ - ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ