ދަރިން ހޯދާ މީހުންނަށް ފައިސާ ދޭން ސަރުކާރުން ނިންމައިފި

ފެސިޕިކްގެ ޤައުމެއް ކަމަށްވާ ނިއުއޭގައި ދަރިން ހޯދާ މީހުންނަށް ޚާއްސަ ބޯނަހެއްދޭން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އާބާދީ މަދުވުމަކީ މި ސަރަހައްދުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާއިރު، ނިއުއޭގެ އާބާދީ އިތުރުކުރުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގެ ދަށުން އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް 1437 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ނިންމައިފައެވެ. މި ފައިސާ ދޭން ނިންމާފައިވަނީ ކުއްޖާގެ އުމުރުގެ ކުރީކޮޅު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ.
ނިއުއޭގެ އާބާދީ އަކީ ގާތްގަނޑަކަށް 1500 ކަމަށް ބީބީސީ ބުނެއެވެ. އެޤައުމުގެ ގިނަ ރައްޔިތުން މިހާރު ދިރިއުޅެނީ ނިއުޒިލެންޑްގައެވެ. މިގޮތުން ނިއުއޭ އަށް ނިސްބަތްވާ 23000 މީހުން ނިއުޒިލެންޑްގައި އުޅޭނެކަމަށް އެޤައުމުގެ ސަރުކާރުން ލަފާކުރައްވައެވެ.
ނިއުއޭގައި ދޭން ފައްޓާ ބޯނަހުގެ ސަބަބުން އެ ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެކަމަށް އެޤައުމުގެ ސަރުކާރުން ދެކިލައްވައެވެ. ޚާއްސަކޮށް އެޤައުމުގެ ނަސްލު ނެތިގެން ދިއުން ހުއްޓުވުމަށް މިއީ މުހިއްމު ފިޔަވަޅެއްކަމަށް ސަރުކާރުން ވަނީ ހާމަ ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ