ފުވައްމުލަކު ރައްޔިތުން އެދޭ ތަރައްޤީގައި ރައީސް ޔާމީން ކުލަޖައްސަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހް ވިދާޅުވެއްޖެއެވެ.
ޝާހް މިހެން ވިދާޅުވީ ފުވައްމުލަކުގެ ތަރައްޤީގެ މަޝްރޫޢުތަކެއް އިފްތިތާހް ކޮށްދެއްވާ އެސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މާދަމާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފުވައްމުލަކަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވަނިކޮށް މިރޭ "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައެވެ.
މެންބަރު ޝާހް ވިދާޅުވީ ފުވައްމުލަކު ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ކުރިއަށް ގެންދަވާ މަޝްރޫޢު އަށް އެކަނި ވެސް 300 މިލިއަން ރުފިޔާ ވަރު ޚަރަދު ވާނެ ކަމަށެވެ.
"މިއީ ފުވައްމުލަކު ތަރައްޤީ އަށް މިހާތަނަށް ހިންގޭ އެންމެ ބިޔަ ޕްރޮޖެކްޓް. މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން މިމަޝްރޫޢުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ." ޝާހް ވިދާޅުވިއެވެ.
ފުވައްމުލަކު ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސިއެރާ ކޮންސްޓްރަކްޝަން އާއި އެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި އެކުންފުންޏާއި އެކު ސޮއި ކުރީ މިއަހަރުގެ މެއި މަސް ތެރޭގައެވެ.
ރައީސް ޔާމީން މާދަމާ ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި އެސިޓީގެ ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހް ކުރެއްވުމުގެ އިތުރުން އެސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ފައްޓަވައި ދެއްވާނެއެވެ.
މިއީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ލިބުނު ފަހުން ރައީސް ޔާމީން ފުވައްމުލަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ފުވައްމުލަކު ރައްޔިތުން އެދޭ ތަރައްޤީގައި ރައީސް ޔާމީން ކުލަޖައްސަވައި ދެއްވާނެ ކަން ޔަގީން – އެމްޕީ ޝާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ