ފޯމްގެ ސައްހަކަން ކަށަވަރު ނުވާ ފަރާތްތަކަށް އީސީން އަންގަން ފަށައިފި

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށަކަށް ރީ ރަޖިސްޓާވި ފަރާތްތަކުގެ ތެރެއިން ފޯމްގެ ސައްހަަކަން ކަށަވަރު ނުވާ ފަރާތްތަކަށް އެކަން އިލެކްޝަންސް ކޮމިޝަނުން އަންގަން ފަށައިފިއެވެ.
އީސީން ބުނީ އެކިއެކި ސަބަބުތަކާއި ގުޅިގެން ރީ ރަޖިސްޓާވުމަށް ހުށަހެޅި ފޯމްތަަކުގެ ތެރެއިން ސައްހަކަން ކަށަވަރު ނުވާ ފަރާތްތަކަށް މިރެއިން ފެށިގެން މެސެޖްކުރަމުން ގެންދާނެކަމަށެވެ. އަދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާއި ހުރެ ރީ ރަޖިސްޓާ ނުވެވުނު ފަރާތްތަކަށް އަލުން ރީ ރަޖިސްޓާ ކުރުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް އެފުރުސަތު ހުޅުވާލާނެކަމަށެވެ.
"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ ރަޖިސްޓާ ވުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން ކަށަވަރު ނުވީ ކިތައް މީހުން ކަމާއި އެކަމުގެ މައުލޫމާތު މީޑިއާތަކަށް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ. މިކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 6،000 އެއްހާ ފޯމް ބާތިލް ވެފައި ވެއެވެ. އަދި މި ފަރާތްތަކަށް އަލުން ރީ ރަޖިސްޓާ ކުރުމަށް ފުރުސަތު ހުޅުވާލަނީ މިމަހުގެ 27 އިން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ އިތުރުން ރީ ރަޖިސްޓާ ކުރުމަށް ހުޅުވާލި ފުރުސަތު، ސިނާއީ ރަށްރަށާއި ރިސޯޓްތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަން އަދަދު ހަމަނުވާ ތަންތަނަށް ރީރަޖިސްޓާވި މީހުންނަށް އަލުން ރީ ރަޖިސްޓާކުރުމުގެ ފުރުސަތު އެމުއްދަތުގައި ހުޅުވާލާނެއެވެ.
އީސީން ރީ ރަޖިސްޓާ ވުމަށް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 95،000 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓާ ވުމަށް ފޯމް ހުށަހަޅާފައި ވެއެވެ. އަދި މި ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އީސީން ފުލުހުންނަށް ފޮނުވައިގެން އެމަސައްކަތް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ