ހެނބަދޫ ނަރުދަމާގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
ނ. ހެނބަދޫގައި ނަރުދަމާ އެޅުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން މިއަދު ފައްޓަވައި ދެއްވައިފި އެވެ. ނަރުދަމާގެ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސް ހެނބަދުއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ރައީސަށް ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. ހެނބަދޫގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަލް ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ހެނބަދޫގައި ނަރުދަމާ އަޅައިދެނީ ޗަންމާ މުހައްމަދު މޫސާ (އުއްޗު)ގެ ހަރަދުގައި ޗަންޕާ ބްރަދާސްގެ ފަރާތުންނެވެ. އުއްޗުވެސް ވަނީ އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވައިފަ އެވެ. މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްޗު އަދި ޗަމްޕާ ހުސައިން އަފީފަށް ރައީސް ޔާމީން ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ސަރުކާގެ ބަޖެޓުގައި ހެނބަދޫ ބަނދަރު ހެދުމަށް ބެޖެޓުގައި ކޮންމެވެސް ވަރެއް ހިމެނި ނަމަވެސް އުއްޗު ބޭނުންވެ ލައްވަނީ އަމިއްލަ ހަރަދުގައި ހެނބަދޫ ނަރުދަމާ އެޅުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުގެ ދަށުން ޕްމްޕް ސްޓޭޝަން ގާއިމް ކުރެވި މުޅި ރަށުގައި ޕައިޕްލައިން އަޅައި ހުރިހާ ގެއަކަށް ނަރުދަމާގެ ހިދުމަތް ދެވޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެ އެވެ. ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި ނ. އަތޮޅާއި ބ. އަތޮޅުގެ ބައެއް ރަށްރަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެމަނިކުފާނުގެ އަރިިހުގައި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ