ސަމާލުވޭ! މޫސުން ވަރަށް ގޯސް، ދެކުނާ އުތުރަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ، ހއ. އަތޮޅުން ލ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލެޔޯ އެލާޓު ނެރެފިއެވެ.
މެޓް އޮފީހުން އެސަރަހައްދަށް މިއަދު މެންދުރު 11:00 އިން 15:00 އަށް ޔެލޯ އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޯށްވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އުދައެރުމުގެ ފުރުސަތު އޮތުމާ ގުޅިގެން މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވައިޓް އެލާޓު ވެސް ނެރެފައެވެ.
ވައިޖެހޭނީ އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި، އެހެންހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ