މާލޭ މީހުން ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް: ސައުދު

މާލޭ މީހުން ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިނލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިއަދު ކުރެއްވި ޓްވީޓެގަ ވިދާޅުވީ، ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށެވެ. ހުޅުމާލެއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާކޮށްފައިވާ ސިޓީއެއްކަމަށެވެ.
"މާލޭ މީހުން އަތޮޅުތަކުގެ ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް. ތަފާތު ކުރުން ހުއްޓާލާ،" ސައުދު ވިދާޅުވެފައިވެއެވެ.
ދެކުނުގެ އަތޮޅުތަކުން އަލުން ސަރުކާރެއް ހަދާކަމަށް ސައުދު އެ އިޝާރަތް ކުރައްވަނީ 1959 ވަނަ އަހަރު ޖެނުއަރީ 3 ވަނަ ދުވަހު ރާއްޖޭގައި އިއުލާނުކުރި، " ސުވަދީބު ޖުމްހޫރިއްޔާ" އަށެވެ. އެ ޖުމްހޫރިއްޔާއަކީ އައްޑޫ، ފުވައްމުލައް އަދި ހުވަދު އަތޮޅު ހިމެނޭގޮތައް އެކުލަވާލި ޖުމްހޫރިއްޔާއެކެވެ.
ސުވަދީބު ޖުމްހޫރިއްޔާގެ މޭސްތިރި އަކީ އައްޑުއަތޮޅު ހިތަދު އަށް އުފަން އަލްމަރްޙޫމް އަބްދުﷲ އަފީފްދީދީ އެވެ.
ސައުދު މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގަ މާލެއަށް ނިސްބަތްވާ ބައެއް މެންބަރުންނާއި އެހެން ބައެއް މެންބަރުންނާ ދެމެދު ވަނީ ހޫނު ބަހުސެއް ފަށާފައެެވެ.
ރަށްރަށުގެ މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލެއްވުމާ ގުޅިގެނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ އެއްބަޔަކަށްވެރެ އަނެއްބަޔަކީ ގަދަބައެއްކަން ދެއްކުމުގެ ގޮތުން މަޖިލީސްތެރޭގައި ބަހުސް ނުކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ