5 އަހަރުގެ ފަސް ދައުރާ ބައްދަލު ތަރައްޤީގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެންމެ 5 އަހަރުން ކޮށްދެއްވައިފިކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅަށް އިއްޔެ ފެއްޓެވި ރައީސް ޔާމީންގެ ކެމްޕެއިން ދަތުރުގައި މިއަދު އެއަތޮޅު ނައިފަރަށް ވަޑައިގެން ރައްޔިތުންނާ މުޙާތަބު ކުރައްވަމުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ތާރީޙުގައި ދުވަހަކުވެސް ތަރައްޤީ ނުގެންނަ ހަލުވިމިނުގައި މިނިމިގެންދާ 5 އަހަރު ތެރޭގައި ރައީސް ޔާމީން ތަރައްޤީ ގެންނަވައިފިކަމަށެވެ.
ހަމައެކަނި ނައިފަރަށް ބައްލަވާލެއްވިކަމުގައިވިޔަސް މިކަން ފެންނަން އޮތްކަމަށާއި، ނަރުދަމާއާ، ފެނާ ކަރަންޓުފަދަ ބޮޑެތި މައްސަލަތައް ނައިފަރުގެ ރައްޔިތުންނަށް ރައީސް ޔާމީން ހައްލުކޮށްދެއްވައިފިކަމަށް ޝިޔާމް ވިދާޅުވިއެވެ. ނައިފަރުގައި ރައީސް ޔާމީން ވަނީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ބަނދަރު ތަރައްޤީކޮށްދެއްވާފައިކަމަށާއި، ނައިފަރުގައި މިސްކިތެއްގެ ދަތިކަން އޮތް އޮތުންވެސް ރައީސް ޔާމީން ނައްތާލަދެއްވައިފިކަމަށްވެސް ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ނައިފަރުގައި ހުރި އަތޮޅު ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް އިތުރަށް ރަނގަޅުކޮށްދެއްވީވެސް ރައީސް ޔާމީންކަމަށް އޭނާ ވިދާޅުވިއެވެ.
"މިރަށުގައި އޮތް ބަނދަރު ހިއްޕަވައިގެންނެއް ނޫން ރައީސް ޔާމީން ވަޑައިގަންނަވާނީ. އެމަނިކުފާނު އަޅުއްވާދެއްވި މިސްކިތްވެސް ހިއްޕަވައިގެންނެއް ނޫން ވަޑައިގަންނަވާނީ. ނަރުދަމާގެ ހޮޅިތައްވެސް އެމަނިކުފާނެއް ނުގެންދަވާނެ. އެއީ މިރަށު ރައްޔިތުންނަށް އެމަނިކުފާނު ކޮށްދެއްވި ކަންކަން" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ނައިފަރުގައިވެސް ފިކުރުގެ ގޮތުން ތަފާތު މީހުން ތިބޭނެކަމަށާއި، އެހެންނަމަވެސް ތަރައްޤީގެ ފިކުރަކީ އެއް ފިކުރެއްކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ކެމްޕެއިން ޓީމުން ވަޑައިގެންނެވުމުން ކަންކަމު އެދިވަޑައިގެންނެވުމަށާ، ރައީސަކަށް ވަޑައިގެން ރައީސް ޔާމީން ދެންވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ޔާމީނާ އެމަނިކުފާނުގެ ކެބިނެޓުން ނައިފަރާމެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާކަމަށެވެ.
2018 ގެ ރިޔާސީ އިންތިޙާބު މާ ގިނަ ބުރުބުރަން ދަންމަން ނަހަދާ އެއްލަކިން އިންތިޙާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމީ ކެމްޕެއިން ޓީމުން ކުރަމުން ގެންދާ މަސައްކަތްކަމަށް ޝިޔާމް ވިދާޅުވިއެވެ.
30 އަހަރުގެ ތަރައްޤީ 5 އަހަރުން، ރައީސް ޔާމީން ގެންނަވައިފި - މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ