ތީމެޓިކް އެމްބެސެޑާގެ މަގާމަށް ރައީސް ނަޝީދު ހަމަޖެއްސުމުން ރައީސް ސޯލިހް މަރުހަބާ ވިދާޅުވެއްޖެ

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ޝިކާރައަކަށްވެފައިވާ 48 ގައުމު ހިމެނޭގޮތަށް އުފައްދާފައިވާ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރު" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޔަންކުރުމާ ގުޅިގެން އެމަނިކުފާނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދުއަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތީމެޓިކް އެމްބެސެޑާގެ މަގާމުގެ ސަބަބުން ރާއްޖެއާއި ރާއްޖެފަދަ "ކްލައިމެޓް ޗޭންޖް" ގެ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ. އަދި އެ މައްސަލަ ހައްލުކުުރުމަށް ކުރާ މަސައްކަތުގައި އަމާޒަށް ވާސިލްވުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. ސީވީއެފްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަކުރުމުގެ ގޮތުން، ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅާފައިވެއެވެ. އެ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗަރ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތައާއި ވަލްނަރަބިލިޓީ ހިމެނެއެވެ. ރައީސް ނަޝީދަށް އަރުވާފައި ވަނީ 'ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން' އެވެ. އެމަނިކުފާނު އެ މަގާމަށް އައްޔަންކޮށްފައި ވަނީ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާ ދެކޮޅަަށް ކުރައްވާފައިވާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ސަބަބުންނެވެ. ސީވީއެފްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރުގެ ރާއްޖޭގައެވެ. އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަހްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް، މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ