ފުލެޓުތަކުގެ ވާހަކަދެއްކޭނީ ފުލެޓު އެޅި ބަޔަކަށް: ޝިޔާމް

ފުލެޓުތަކުގެ ވާހަކަދެއްކޭނީ ފުލެޓު އެޅި ބަޔަކަށް ކަމުގައި އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމްގެ ނައިބުލީޑަރު އަދި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި އިހުތިޖާޖުގެ ތެރެއިން ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރަައްވާ ޑރ.މުޙައްމަދު މުޢިއްޒު ޕޯސްޓަރެއް ހިފަހައްޓަވައިގެން ހުންނެވި ފޮޓޯއެއް ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. ރޭގެ އިހުތިޖާޖުގައި ޑރ.މުޢިއްޒު ހިފަހައްޓަވައިގެން ހުންނެވި ޕޯސްޓުގައި ލިޔެފައިވަނީ "ފުލެޓު ފޭރޭ ސަރުކާރު 7،000 ފުލެޓު ކާލައިފި" މިފަދައިންނެވެ. މިޕޯސްޓަރުގައި އިޝާރާތްކުރައްވާފައިވަނީ ޑރ.މުޢިއްޒު ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް ހިންގެވި ހިޔާ މަޝްރޫޢުގެ ދަށުން ބިނާކުރި 7،000 ސޯޝަލް ހައުސިން ޔުނިޓަށެވެ. އަދި މިހާތަނަށް މިސަރުކާރަށްވަނީ އެފުލެޓުގެ މަސައްކަތް ނިންމައިނުލެވިއެވެ. އަދި ފުލެޓުތައް ކުއްޔަށް ދޭނެ އަގާމެދުވެސް ގިަނ ގޮތްގޮތަށް ސަރުކާރުގެ އެންމެ އިސްވެރިން ވާހަކަދައްކަވާފައިވެއެވެ. އެގޮތުން ރައީސް ސޯލިހުވަނީ އެފުލެޓުތައް ދެވޭނީ 11،000 ރުފިޔާއަށް ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް ހައުސިން މިނިސްޓަރު ވިދާޅުވެފައިވަނީ ފުލެޓުތައް 7،000 ރުފިޔާއަށް ދެއްވޭނެ ކަމުގައެވެ. ޝިޔާމު ވިދާޅުވީ ޑރ.މުޢިއްޒު އެޕޯސްޓަރު ހިއްޕަވައިގެން ހުންނެވި ވަގުތު ތަސްވީރެއް ކުރަހައިލަން ވަރަށް ފުރިހަމަވާނެ ކަމުގައި އެމަނިކުފާނު ހިތްޕުޅަށް އެރި ކަމުގައެވެ. ނަމަވެސް އެވަގުތު ހިތްޕުޅަށް އެރީ އެފަދަ ތަސްވީރަކީ އެމްޑީޕީ ސަރުކާރަށް ހަޖަމުކުރަން އެހާ ފަސޭހަވާނެ ތަސްވީރަކަށް ނުވާނެ ކަމުގައެވެ. އޭގެ އިތުރަށް ޝިޔާމު ވިދާޅުވީ ފުލެޓުގެ ވާހަކަދެއްކޭނީ އަދި އެކަމާ އަޑު އުފުލޭނީ ފުލެޓުތައް ބިނާކުރި މީހުންނަށް ކަމުގައެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ވެރިކަމުގައި ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ 2 ވަނަ މަރުހަލާގައި 10،000 އަށްވުރެ ގިނަ ފުލެޓުވަނީ ބިނާކޮށްފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ