ކުޑަގިރި ޕިކްނިކް އައިލެންޑަށް ކަރަންޓު ދޭން 3،000 މީޓަރުގެ ކޭބަލް ވަޅުލާ ނިންމާލައިފި

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ހަދާ ޕިކްނިކް އައިލެންޑުގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތުގެ ދަށުން 3،000 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ނިންމާލައިފި އެވެ
މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ރަށް ތަރައްގީކުރުމުގެ މަސައްކަތް ސެޕްޓެމްބަރު 1، 2021ގައި ހަވާލުކުރީ އެމްޓީސީސީއާ އެވެ.
ނަމަވެސް އެތަނުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން ސްޓެލްކޯއާ ހަވާލުކުރީ އެ ރަށުގެ މަގުބައްތި ޖެހުމާއި ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އެޅުމުގެ މަސައްކަތެވެ. އެ މަސައްކަތް އެ ކުންފުނިން ފެށީ ހުސްވި މެއި މަހުގެ 26 ވަނަ ދުވަހު އެވެ.
ސްޓެލްކޯ އިން މިއަދު ބުނީ، ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ކުޑަގިރީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމުކުރުމަށް ވަޅުލަންޖެހޭ 3،000 މީޓަރުގެ ކޭބަލް މިހާރު ވަޅުލާ ނިމިފައިވާ ކަމަށެވެ.
ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު ޕަސެންޓެއް އިޔާދަކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައްވެސް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ
މާލެ އާއި 10.5 ކިލޯމީޓަރު ދުރުމިނުގައި އޮންނަ ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްގީކުރުމުގެ މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިން ބުނާ ގޮތުން، ކުޑަގިރި ފަޅުގައި ދެ ރަށެއް ހިއްކާނެ އެވެ. އެއް ރަށް ހިއްކަނީ އަށް ހެކްޓަރަށެވެ. އަނެއް ރަށް ހިއްކަނީ ފިނޮޅެއް ގޮތަށް 1.5 ހެކްޓަރަށެވެ.
މި ދެ ރަށުގައި ވެސް، ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތަފާތު އެކި ވަސީލަތްތައް ގާއިމުކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޮޓަރިތަކާއި، ޕޫލް ސަރަހައްދަކާއި، ފުޓްސަލް ދަނޑު ފަދަ ތަންތަން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ