ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ފާސްކޮށްފި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ހަމީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރުމަށް ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވިއިރު 7 މެމްބަރަކު ވަނީ ނުފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ 3 މެމްބަރުން ތިއްބެވިއެވެ.
ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށެވެ. އެހެންނަމަވެސް ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް ވަނީ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވާފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ނުއަގުގައި ފްލެޓް ދިންކަމަށް ތުހުުމަތުކުރެވޭ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޗަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިޖުރާއީ ގޮތުން ގޯސްކޮށްކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.
މިދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ޤާނޫނުއަސާސީއާ ޚިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށްފަހުއެވެ. މިމައްސަލާގައި ވަނީ ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމުގެ ތުހުމަތެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ޤަޟިއްޔާއެއްގެ ހުކުމް ކުރުމަށް މި ދެފަނޑިޔާރުން ނިންމެވިކަމަށް ތުހުމަތުކޮށް ޖޭއެސްސީއަށް މައްސަލައެއް ހުށަހެޅުނުކަމަށާއި، މި ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅުއްވަން ޖޭއެސްސީން ނިންމެވީ މިކަން ބައްލަވައި ތަޙްޤީޤުކުރެއްވުމަށްފަހުކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
މި ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއަތާ ހިލާފަށްކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ބުނެ ކޮމިޓީ ރިޕޯޓް ތަޅުމަށް ފޮނުވާފައެވެ. އެހެންނަމަވެސް އެ ރިޕޯޓް މަޖިލީހުން ފާސްވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ