ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް މިހާރު ކަރަންޓު ދީފި

ކަރަންޓު ކެނޑުނު ހުރިހާ ހިސާބުތަކަށް އަލުން ކަރަންޓު ދީފައިވާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް އޮޕަރޭޝަނަށް ގެނެވި، މިހާރު ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ދީފައިވާ ކަމަށެވެ. އަދި އެއްވެސް ކަސްޓަމަރަކަށް ކަރަންޓުގެ ހިދުމަތް ނުލިބޭނަމަށް 104 ނަމްބަރަށް ގުޅުމަށް ސްޓެލްކޯއިން އެދިފައިވެއެވެ.
މާލެއާ ހުޅުމާލޭގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިފައިވަނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ސްޓެލްކޯގެ މައި ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑިގެންނެވެ.
ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މަޝްރޫއުގެ ދަށުން މާލެ، ހުޅުމާލެ އަދި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ވަނީ ގުޅާލާފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވާކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ