މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލް ނެރެފައިވަނީ ށ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެ އިދާރާއިން ބުނީ މިއަދު އިރުއޮއްސި 6:30 އިން ފެށިގެން މިރޭ 11:30 އާ ދެމެދު އެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން، އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން، އަދި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެއެވެ.
މެޓުން ބުނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖޭ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމަކީ އެކަށިގެންވާ ކަމެއް ކަމަށެވެ.
މީގެއިތުރުން، ވިލާގަނޑުގައި ރާއްޖޭގެ ކަނޑުތައް ގަދަވުން އެކަށީގެންވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށްވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ