2023 ކާމިޔާބުކޮށް، އެމްޑީޕީ ހިންގާލުމުގައި ދެގޮތެއް ނުވެ ހުންނާނަން: ފައްޔާޒު

އެމްޑީޕީ ހިންގާލުމުގައި ދެގޮތެއް ނުވެ ދެމި ހުންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު އެހެން ވިދާޅުވީ، އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ކުރެއްވި ޓުވީޓެއްގަ އެވެ.
ވޯޓުލާން ނުކުތް އެމްޑީޕީގެ މެންބަރުންނަށް ޝުކުރުއަދާކުރައްވައި އޭނާ ވިދާޅުވީ، އެ މެންބަރުން މިއަދު ދިން ވޯޓަކީ އެމްޑީޕީ އާއި ސަރުކާރު އެއްކޮށް މަސައްކަތްކޮށް، 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީގެ މެމްބަރުން ދިން ވޯޓެއް ކަމަށެވެ. އަދި އެކަމުގައި ދެގޮތެއް ނުވެ ހުންނާނެ ކަމަށް ވިދާޅުވި އެވެ.
ކެމްޕެއިންގެ ފޯރި އިންތިހާއަށް ގަދަވެ، އެއް ކެންޑިޑޭޓަކު އަނެއް ކެންޑިޑޭޓަކަށް ތުހުމަތާއި ބަހުގެ ހަމަލާތައް އަމާޒުކުރި, މި އިންތިހާބުގައި ފައްޔާޒު ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުންނެވެ. އޭނާއާ ވާދަކުރި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ނުކުންނެވީ އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.
މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާއިން ފައްޔާޒު 60 ޕަސެންޓް ވޯޓު ކާމިޔާބު ކުރައްވާފައިވާކަން ދައްކާ އިރު، އޭނާ ވަނީ އިންތިގެ މައްޗަށް ގާތްގަނޑަކަށް 6،000 ވޯޓުން ކުރި ހޯއްދަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ