ކުރިޔަށްއޮތް ފަސް ދުވަހުވެސް މޫސުން ގޯސްވާނެ: މެޓް

ކުރިޔަށް އޮތް ފަސް ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
އެގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ، ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގައި އާއްމު ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރުތެރޭ، އުތުރާއި މެދުރާއްޖެތެރޭ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ އިރު، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނު އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭ އިރު، ވިލާގަނޑުގައި 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ވަނީ ލާފާކޮއްފައެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ