ގައުމުގެ ހިޔާލު ތަފާތުވުންތަކަށް އެހެން މީހުންނަށް ދައުވަތު ދީގެން ނުވާނެ: އުމަރު

ގައުމުގައި އޮންނަ ހިޔާލު ތަފާތުވުންތަކަށް އެހެން މީހުންނަށް ދައުވަތުދީގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ޏ. ފުވައްމުލަކުގައި މިއަދު ހެނދުނު އޮތް ހުރަވީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ މަލާބާރުން ރާއްޖެ އަރަން ޖެހުނީ ރާއްޖެއަށް ގައްދާރުވި ދެ ދިވެއްސެއްގެ ސަބަބުން ކަމަށާއި އަދި މިއަދު އެފަދަ ކަންކަމުން ދިވެހިން އިބުރަތް ހާސިލުކޮށް ކޮންމެ މީހަކީ ވެސް ގައުމަށް ތެދުވެރި ބަޔަކަށްވާން ޖެހޭ ކަމަށެވެ. "ގައުމަށް އަބަދުވެސް ހެޔޮގޮތް ހެދުމަށް. އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ހިޔާލު ތަފާތުވުންތައް އެއީ އެހެން މީހުންނަށް އަޅުގަނޑުމެން ދައުވަތުދޭން ނުޖެހޭ ކަމެއް ކަން އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހޭ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގައުމުގައި އޮތް ހިޔާލު ތަފާތުވުންތަކަށް އެހެން މީހުންނަށް ދައުވަތު ދޭ ކަމަށްވާނަމަ ގައުމުގައި އޮތް ހަމަޖެހުން ނިމުމަކަށް އަންނާނެ ކަމަށެވެ. އުމަރު ވިދާޅުވީ ހުރަވީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ އަލްސުލްތާން ގާޒީ ހަސަން އިއްޖުއްދީން (ދޮންބަންޑަރައިން)ގެ ސިފަތަކުން މިއަދުގެ ޒުވާން ޖީލު ސިފަ ލިބިގަނެ ގައުމައިގެން ކުރިއަށް ދާން ދަސްކުރަންޖެހޭނެ ކަމަށެވެ. ހުރަވީ ދުވަސް ފާހަގަކުރަނީ އަލްސުލްތާން ގާޒީ ހަސަން އިއްޖުއްދީން (ދޮންބަންޑަރައިން) މަލާބާރީންގެ އަތް ދަށުން ރާއްޖެ ސަލާމަތްކުރުމަށް ކުރުމަށް ކުރި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. ހުރަވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1980 ގަ އެވެ. މަލާބާރުން ރާއްޖެ އައީ ޕޯޗުގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކޮއްދެއްވިތާ 185 އަހަރު ފަހުންނެވެ. އެއީ މީލާދީ ގޮތުން 1166 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު އެވެ. މަލާބާރުން ރާއްޖެ އަރަން ދިމާވީ ގައުމަށް ހިޔާނާތްތެރިވި އަލްގާޒީ ހަސަން ތާޖުއްދީންގެ ދެ ދަރިކަލުންކަމަށްވާ އޭރު ފަނޑިޔާރު ކަލޭގެފާނު މުހައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑު އެއްބަފާ ޙަތީބް އަހްމަދު މުހިއްޔުއްދީން، ކަންނަންނޫރަށް ސިޓީއެއް ފޮނުއްވާ އަލީ ރާޖާއަށް ދިވެހިރާއްޖޭގެ ވެރިކަން ހޯދައިދެއްވަން ވިދާޅުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ