ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ފުރުސަތު ހޯދުމަށް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕީޕީއެމްގެ ފަރާތުން ދައުވާ އިއްވަމުން އަހުމަދު ޒަނީން އާދަމް ވިދާޅުވީ ޕީޕީއެމްއިން މައްސަލަ ހުށަހެޅީ ވޯޓުލާ މީހުންގެ ލިސްޓުގައި މަރުވެފައި ތިބި ގިނަ ބަޔަކާއި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ނަންތަކާއި ބައެއް މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދީފައިނުވުމުން އެކަންތައްތައް ހައްލުކުރުމަށްފަހު އިންތިހާބު ބާއްވާ ދިނުމުގެ އަމުރަކަށް އެދުމަށް ކަމަށެވެ.
އަދި ދެވަނަ ބުރުގެ ވޯޓުލުން ހަތަރު ހަފުތާގެ މުއްދަތަށް ނުވަތަ އެއް މަސް ދުވަހަށް ފަސްކުރަން އެދުނު ނަމަވެސް މައްސަލަތައް 15 ދުވަސްތެރޭގައި ހައްލު ގެނެސްގެން ވިޔަސް އިންތިހާބު ބޭއްވި ނަމަވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަނީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ކޮމިޝަނުން އަތޮޅުތަކަށް ވޯޓު ކަރުދާސްތައް ފޮނުވުމުގައި ކޮމިޝަނުގެ ގާނޫނާ ހިލާފަށް އެއްވެސް ސެކިއުރިޓީ އެއް ބޭނުން ނުކޮށް ސަލާމަތީ ކަންކަމަށް ބެލުމެއް ނެތި ކޮމިޝަނުން އަމަލު ކުރަމުން ގެންދާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން އެގޮތައް އަމަލުކުރަނީ ގަސްތުގައި ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން އިންތިޚާބުގެ ސައްހަކަށް ގާއިމުކުރުމަށްޓަކައި ވޯޓު ކަރުދާސް ޗާޕްކުރާ މަރުހަލާގަ އާއި އެއްތަނުން އަނެއް ތަނަށް އުފުލުމުގަ އާއި ވޯޓުލައި ނިމިގެން އަނބުރާ އިލެކްޝަންސް ކޮމިޝަނަށް ގެންނަ މަރުހަލާގައި އޮޅުވާލުމެއް އަދި މަކަރާއި ހިލާތެއް ނެތްކަން ކަށަވަރުވާ މިންވަރަށް އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދޭ ކަމަށް ވެސް ޒަނީން ވިދާޅުވި އެވެ.
އަދި ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވޯޓު ލިސްޓަކީ ސައްހަ އެއްޗެއްކަން ކަށަވަރުކުރުމަށްޓަކައި އެ ލިސްޓްތައް ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ކެންޑިޑޭޓުންގެ ސޮޔާއި އިނގިލީގެ ނިޝާން ޖެހުމާއި އަދި ވޯޓު ފޮށިތައް ކައިރީގައި އެ ލިސްޓް ނޫން އެހެން ލިސްޓެއް ނުގެންގުޅުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައިދިނުމަށް ވެސް ޒަނީން އެދިވަޑައިގެންނެވި އެވެ.
ޝަރީއަތުގެ މަޖުލީހުގައި ދައުވާއަށް ޖަވާބުދާރީވަމުން އިލެކްޝަން ކޮމިޝަނުގެ ގާނޫނީ ވަކީލް ހުސެއިން ސިރާޖް ވިދާޅުވީ އެ ކޮމިޝަނާ ދެކޮޅަށް ޒަނީން ހުށައެޅި ދައުވާއަކީ ގާނޫނު އަސާސީގެ 110 ވަނަ މާއްދާ އާއި، 111 ވަނަ މާއްދާ އާއި ހިލާފު ދައުވާ އެއް ކަމަށާއި ދައުވާ ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
ގާނޫނު އަސާސީގައި ވަކި ތާރީހުތަކެއް ކަނޑައަޅާފައިވާ އިރު އެއާ ހިލާފަށް ކަންކަން ނުކުރެއްވޭނެކަން ދޭހަވާ ގޮތަށް ސިރާޖް ޝަރީއަތުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އަބްދުﷲ ސައީދު ވަނީ އެކަން ހުއްޓުވައި ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.
ޝަރީއަތުގެ މަޖުލީހުގައި އިލްކެޝަން ކޮމިޝަނުން އަމަލުކުރައްވަނީ ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތައްތޯ ފަނޑިޔާރު އަހުމަދު އަބުދުﷲ ދީދީ ސުވާލު ކުރެއްވުމުން ސިރާޖު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކަންތައްތައް ވެސް ކުރިއަށް ގެންދިޔައީ ސުޕްރިމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ކަމަށެވެ.
އަޑުއެހުންނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވީ ދެފަރާތުގެ ވާހަކަތަކަށް ފަހު މި މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވީ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ