ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ހިނގާ އެންމެހައި މީސްތަކުންނާއި ތަންތަނާއި ތަކެތީގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓްތަކުގެ އިޚްތިޞާސް ހިނގާނެކަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކަށަވަރުކޮށްދީފިއެވެ.
އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އިންޑިއާގެ ޖީއެމްއާރު ކުންފުނިން، ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދާފައިވާ އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެގްރިމަންޓާގުޅޭ އެއްވެސް މައްސަލައެއް ރާއްޖޭގެ ކޯޓެއްގައި ނުހިންގޭގޮތަށް ސިންގަޕޫރުގެ ހައިކޯޓުން ކޯޓުން ނެރުނު ވަގުތީ އަމުރާއި ގުޅިގެން، ސްޕްރީމް ކޯޓުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގައިވާ މީސްމީހުންނާއި ތަންތަނާއި ތަކެތީގެ މައްޗަށާއި، ދިވެހި ދައުލަތުގެ އިޚްތިޞާސް ހިނގާ ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ހިނގާ މުއާމަލާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ދިވެހިރާއްޖޭގެ ކޯޓްތަކަށް ލިބިގެންވާ އިޚްތިޞާސް ގެއްލިގެން ނުދާނެތީއާއި، އެގޮތުން ކޮންޓްރެކްޓެއްގައި ހިމެނޭ އާރބިޓްރޭޝަން ކްލޯސް އެއްގެ ދަށުން ދިވެހިރާއްޖޭގެ ކޯޓްތަކުން ބޭރު ފަރާތަކަށް މައްސަލައެއް ހައްލުކުރުމުގެ އިޚްތިޞާސް އޮތުމަކީ އެކޮންޓްރެކްޓްގެ ޤާނޫނީ ހައިސިއްޔަތާއިމެދު ނުވަތަ ކޮންޓްރެކްޓްގައި ހިމެނޭ ކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ޑޮމެސްޓިކް ޖޫރިސްޑިކްޝަން އޮންނަންޖެހޭ ކޯޓްގައި އެފަދަ މައްސަލައެއް ބެލުމަށް ޤާނޫނީގޮތުން ހުރަސްއެޅޭ ކަމަކަށްނުވާތީއާއި، އަދި މިފަދަ އެއްވެސް ޙައްޤަކަށް ހުރަސްއެޅިދާފަދަ ގޮތަކަށް ޢަމަލުކުރުމަކީ އދގެ ޗާޓަރުގައި ކަނޑައެޅި ބަޔާންވެފައިވާ "ޕްރިންސިޕްލް އޮފް ސޮވެރިންގ އިކުއަލިޓީއާއި، ޕްރިންސިޕްލް އޮފް ނޮން އިންޓަރވެންޝަން ވިތިން ޑޮމެސްޓިކް ޖޫރިސްޑިކްޝަންއާއި، ޕްރިންސިޕްލް އޮފް ސެލްފް ޑިޓަރމިނޭޝަން ރައިޓސްއާއި ޚިލާފް ކަންތައްތަކެއްކަން އެނގެން އޮންނާތީ، ޑޮމެސްޓިކް ޖޫރިސްޑިކްޝަން އޮންނަންޖެހޭ ކޯޓްގައި މައްސަލަ ބެލުމުގެ ޙައްޤަށް ހުރަސް އެޅިދާނެފަދަ އެއްވެސް ނިންމުމެއް ނިންމުމުގެ ބާރު ބޭރުގެ އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ.
"ވީމާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ދިވެހިރާއްޖޭގެ ކޯޓްތަކަށް ލިބިގެންވާ އިޚްތިޞާސްތަކުގެ ދަށުން މައްސަލަތައް ބެލުމާއި، ނިންމުމަށް އެކޯޓްތަކަށް ލިބިގެންވާ ބާރާއި އިޚްތިޔާރަށް އެފަދަ އެއްވެސް ނިންމުމެއްގެ ސަބަބުން ހުރަސްއެޅިގެން ނުވާނެތީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ހިނގާ އެންމެހައި މީސްތަކުންނާއި ތަންތަނާއި ތަކެތީގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓްތަކުގެ އިޚްތިޞާސް ހިނގާނެކަން ކަށަވަރު ކުރުމަށްޓަކައި ދިވެހި ދައުލަތުގެ އެކިއެކި ކަންކަމާއި ޙަވާލުވެތިބި ފަރާތްތަކާއި ދިވެހި ރައްޔިތުންނަށް މިކަން އެންގީމެވެ." ސްޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.
ސްޕްރީމް ކޯޓްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޗާޓަރާ އެއްގޮތްވާ ގޮތުގެމަތިން ފުރިހަމަ މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ މިނިވަން މުސްތަޤިއްލު ދައުލަތަކަށްވެފައި، މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ސިޔާދަތީ އެއްވެސް ޙައްޤަކަށް އެއްވެސް ސިފައެއްގައި އުނިކަމެއް އަތުވެދާނެފަދަ ޢަމަލެއް ކުރުމަކީ ނުވަތަ ނިންމުމެއް ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ޗާޓަރ މަނާކުރާ ކަމަށްވާތީއާ އަދި ބައިނަލްއަޤްވާމީ ޤާނޫނުތައް ނިޔާކުރާގޮތުގެ މައްޗަށް ބަލާއިރު، ކޮންމެ ޤައުމަކީވެސް އެޤައުމެއްގެ ސަރަޙައްދުގެ ތެރޭގައިވާ މީހުންނާއި، ހިނގާ ކަންތައްތަކާއި، ހުރިނަމަ ހުރި ތަކެއްޗެއްގެ މައްޗަށް އެޤައުމެއްގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އެޤައުމެއްގެ ކޯޓްތަކުގެ އިޚްތިޞާސް ހިނގާނެ ޤައުމެއް ކަމަށެވެ.
އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ މައްސަލާގައި ޖީއެމްއާރް ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ދިޔައީ، އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ހުށަހަޅަންޖެހެނީ ސިންގަޕޫރުގެ ކޯޓަށްކަމަށް އެގްރީމެންޓްގައި ބަޔާންކޮށް އޮތުމުންނެވެ.
އޭޑީސީގެ މައްސަލަ ހޫނުވީ، އެފައިސާ ކޮންސެޝަން ފީއިން އުނިކުރުމުން، ވޭތިވެދިޔަ ތިން މަސްދުވަހު ސަރުކާރަށް އެއްވެސް އާމްދަނީއެއް ނުލިބި، 1.5 މިލިއަން ޑޮލަރު އެއަރޕޯޓްސް ކޮމްޕެނީން ޖީއެމްއާރަށް ދައްކަންޖެހުމާ ގުޅިގެންނެވެ.
އޭޑީސީގެ ފައިސާ ކޮންސެޝަންފީއިން އުނިކުރަން އެމްއޭސީއެލްގެ ކުރީގެ ޗެއާމަން ހުއްދަދެއްވި ސިޓީ ބާޠިލްކުރަން އެމްއޭސީއެލްއިންވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. ސިވިލް ކޯޓުގައި އެމައްސަލަ ކުރިއަށް ނުގޮސްއޮތީ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުގެ އަމުރާއި ގުޅިގެންކަމަށް ވެއެވެ.
ޖީއެމްއާރް މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓުން ނެރުނު އަމުރު ރާއްޖޭގެ ސްޕްރީމް ކޯޓުން ނަފީކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ