މަޖިލިސް މެންބަރުން ވިކިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް - ގާސިމް

ރައްޔިތުންގެ މަޖިލިސް މެންބަރުން ވިކިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި ބައެއް މެންބަރު ޕާޓީ ބަދަލުކުރަމުންދާ ދިއުމަކީ ވަރަށް ރަގަޅަށް ވިސްނަން ޖެހޭ މައްސަލައެއް ކަމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގއ. އަދި ގދ. އަތޮޅަށް ކުރެއްވި ދަތުރު ނިންމާލުމުގެ ގޮތުން ގދ. ގައްދޫގައި ރޭ ޖުމްހޫރީ ޕާޓީން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަނެލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މަޖިލީހުގެ މެންބަރުން ފައިސާއަށް ވިކި ދިވެހި ގައުމަށް ހިޔާނާތްތެރިނުވުމަށް އެދިވަޑައިގަންނަވަމުން ގާސިމް ވިދާޅުވީ މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުންނަށް ނިކަމެތިކަން ދެއްވުމަށް ނޫން ކަމަށާއި މިއަދު މަޖިލީހުގެ މެންބަރުންގެ ކަންކަން ހުރި ގޮތުން ގައުމުގެ މިނިވަންކަން ގެއްލި ބައެއްގެ އަޅުވެތި ކަމަށް ހިނގައިދާނެ ކަމަށެވެ.
މެންބަރުން ގަނެލަން މަސައްކަތް ކުރަމުންދަނީ އެއާޕޯޓު ހިންގުން ބޭރުބަޔަކާ ހަވާލުކުރުމަށް މަޖިލިސްތެރެއިން ނިންމުމަށް މަސައްކަތް ކުރަމުންދާ ބައެއް ކަމަށް އަޑުއިވިފައިވާ ކަމަށް ގާސިމް ރޭ ވިދާޅުވި އެވެ.
"ކީއްވެހޭ އިހަށް ދުވަހު ހެއްދެވި ނެހެއްދެވިއަށް އެއްޗެހި ގޮވާފައި، މިހާރު އެ ޕާޓީއަށް މިވަންނަނީ މީގެ ސަބަބެއް އެބައޮތް ދެއްތޯ؟ މީގައި ސަބަބެއް ނެތިއެއް ނުދާނެ، ސަބަބު އެބަ އެނގޭ އެހެން ނޫންތޯ، އެހެންވީމާ އަޅުގަނޑު މިދަންނަވީ މިގޮތަށް ޚިޔާނާތްތެރިނުވާށޭ މަޖިލިސް މެމްބަރުން ދިވެހި ދައުލަތަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވިއިރު ޕީޕީއެމްގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް އެމްޑީޕިއަށް ސޮއިކޮށްފި ކަމުގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އަދި ފަހަކަށް އައިސް އެމްޑީޕީއަށް ސޮއިކޮށްފައިވާ މެންބަރުން އެޕާޓީއަށް ސޮއިކޮށްފައިވަނީ ފައިސާއަށް ކަމަށް އަޑު ފެތުރިފައިވެ އެވެ. ނަމަވެސް ރޭގެ ޖަލްސާގައި އެއްވެސް ބޭފުޅެއްގެ ނަމެއް ގާސިމް ވިދާޅެއް ނުވެ އެވެ.
މަޖިލިސް މެންބަރުން މިއަދު ވިކިގެންދަނީ 70 މިލިއަން ޑޮލަރު ދީފައި ރިސޯޓެއް މީހަކު ގަންނަ ފަދައިން ކަމަށާއި މެންބަރުން ގަންނަ ޕާޓީ ތަކުން މެންބަރުން ގަތުމަށް ހޭދަކުރާ ފައިސާ މާލެއާއި އަތޮޅު ތަކުގައި ރައްޔިތުންގެ ތަރައްޤީއަށް ކުރާ ކަންކަމަށް ހޭދަކުރުން މާމުހިއްމު ކަމަށްވެސް ގާސިމް ރޭ ވިދާޅުވި އެވެ.
"ބަލަ މިވަރުގެ މުނާފިގުވާކަށް ނުވާނެ އިނގޭތޯ؟ މިވަރުގެ ގައްދާރުންނަށް ވާކަށް ނުވާނެ އިނގޭތޯ ރައްޔިތުންގެ މަޖިލިސް މެންބަރުންނެއް ކަމަކު. ހަމަ އަސްލުގައިވެސް އަޅުގަނޑު މިދެންނެވީ އިނގޭތޯ؟ އަޅުގަނޑު މިއީ ހައްގުގެ ވާހަކަ ބުނަން ޖެހުނީމާ ބުނާ މީހެއް. މިއީ ބޮޑުވަރު އިނގޭތޯ؟ މާބޮޑުވަރު މިވަނީ. އެހެންވީމާ އަޅުގަނޑު ނަސޭހަތްތެރިވަން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ތިބޭފުޅުން އެހެން ނުހައްދަވާށޭ،" ގާސިމް ވިދާޅުވި އެވެ.
ޖުމްހުރީޕާޓީގެ ވެރިކަމެއްގައި، ގދ. އަތޮޅު ވެރިކަންކުރާ ތިނަދުއާއި ގއ. ވެރިކަންކުރާ ރަށް ވިލިގިއްޔާ އެއްފެންވަރަށް ގދ. ގައްދޫ ތަރައްގީކޮށް ހިދުމަތްތައް ގާއިމް ކޮށްދެއްވާނެ ކަމަށް ގާސިމް ރޭ ވަނީ ވައުދުވެވަޑައިގެންފައެވެ.
ޖުމްހޫރީ ޕާޓީން ރޭ ގައްދޫގައި ބޭއްވި ޖަލްސާގައި ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޝާލް އާއި ކައުންސިލް މެންބަރު ޝަމްއޫން އިބްރާހިމްއާ ބައެއް އާންމުން ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ