ގާސިމަށް ފާޑު ވިދާޅުވުމަށްފަހު އަބްދުﷲ އަބްދުއްރަހީމް ޖޭޕީން ވަކިވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވުމަށްފަހު ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގަތުމަށް ޓަކައި ސިޓީ ފޮނުވުމުގެ އިތުރުން އެކަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގަވާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވެސް ވަނީ އަބްދުއްރަހީމްގެ ސިޓީ ލިބުނުކަން ކަށަވަރުކޮށްދީފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ގާސިމް މިހާރު ވާހަކަ ދައްކަވަމުން ގެންދަވަނީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށާއި އިންސާނުންނާ ދިމާ އަށް ކިޔަންނުވާވަރުގެ ވާހަކަތަކެއް ގާސިމް ރައީސް ނަޝީދޭ ކިޔައިންގެން މިހާރަކަށް އައިސް ދައްކަވަމުން ގެންދަވާ ކަމަށެވެ.
ހުކުރު ދުވަހުގެ ރޭ ވ. ކެޔޮދޫގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވެފައިވަނީ ނަޝީދަކީ "މޮޔައެއް" ކަމަށާއި އެ މަނިކުފާނު ހުންނެވީ ފުރޭތައެއްގެ ވިސްނުން އައިސްފައި ކަމަށެވެ.
ޑީއާރުޕީ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި އަބުދުއްރަހީމުވަނީ ކުރިން އެމްޑީޕީއާއި ވެސް ގުޅިވަޑައިގެންފައެވެ. ނަމަވެސް 24 ގަޑިއިރު ނުވެ އަލުން ޑީއާރުޕީއާ ގުޅިވަޑައިގަތެވެ. އޭގެ ފަހުން ޖުމްހޫރީ ޕާޓީ އަށް ވަޑައިގަތުމަށް ފަހު، އަލުން ޑީއާރުޕީއާ ގުޅިވަޑައިގަތެވެ. އަދި މިއަދާއި ޖެހެންދެން އޭނާ ހުންނެވީ ޖުމްހޫރީ ޕާޓީގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ