އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އަދުލު އިންސާފު ގާއިމުވުން މުހިންމު - ޔާމީން

ރާއްޖޭގައި ވިޔަފާރިކޮށް، އިންވެސްޓްކުރާ ފަރާތްތަކުގެ އިތުބާރު ހޯދުމަށް އެންމެ މުހިއްމު ކަމަކީ އަދުލު އިންސާފު ގާއިމުވެގެން ދިޔުމާއި އެކަމުގެ ހަލުއި މިނާ ދޭތެރޭ އިތުބާރު އުފެއްދުން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގަރާރު ޔާމީނާ ހަވާލު ކުރުމަށް ރޭ ނަސަންދުރާ ޕެލެސް އޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ފުރަތަމަ ރާއްޖެ އަށް އިންވެސްޓަރުން ގެނައުމާއި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކުރާ މަސައްކަތުގައި ރާއްޖޭގައި މަސައްކަތްކުރާ ވިޔަފާރިވެރިންގެ އިތުބާރު ރާއްޖޭގެ ނިޒާމުތަކާ ދޭތެރޭގައި ގާއިމްކުރެވެން ޖެހޭ ކަމަށެވެ.
ވެރިކަމަށް ކުރިމަތިލައްވާ އިރު ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށާއި އެކަމުގެ ސަބަބުން ވެރިކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ބަލައިލި ކޮންމެ ދިމާލަކުން ވެސް އަޅުގަނޑުމެންނަށް މިފެންނަނީ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތަކުގެ ބޮޑު ކަން، ބިޔަ ކަން، ވަރުގަދަ ކަން. އެހެންވެގެން އަޅުގަނޑުމެން އިންތިހާބުގެ ތެރޭގައި މަސައްކަތް ކުރަމުންދާއިރު މިދަންނަވަނީ އަޅުގަނޑުމެން ވާދަކުރަން މިޖެހެނީ ހަމައެކަނި ކެންޑިޑޭޓުންނަކާއެއް ނޫނޭ. އަޅުގަނޑުމެން ވާދަކުރަން މިޖެހެނީ ދިވެހިރާއްޖޭގެ ހަލާކުވަމުންދާ އިގްތިސާދާއި." ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޝަރުއީ ނިޒާމުގައި މައްސަލަތަކެއް ހުރިކަމަށް އުއްތަމަ ފަނޑިޔާރު ވެސް ވިދާޅުވެފައިވާ ކަމަށާއި އެމަނިކުފާނު ވިދާޅުވި ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ޝަރުއީ ނިޒާމް އިސްލާހު ކުރަން ޕީޕީއެމް އޮތީ ތައްޔާރަށް ކަމަށެވެ.
ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭ ފަދަ ހާލަތެއްގައި އެކަން ކޮށްގެން ނަމަވެސް ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރާނެ ކަމަށް ޔާމީން ރޭ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ