މައުމޫން އަވަހާރަކޮށްލަން ނަޝީދު އުޅުއްވި ކަމަށް ލުތުފީ ތުހުމަތު ކުރައްވައިފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގައި 30 އަހަރު ދުވަހު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމް އަވަހާރަކޮށްލަން އުޅުއްވި ކަމަށް 2008 ވަނަ އަހަރު އިސްލާހީ މަސައްކަތްތަކެއް ކުރެއްވި އިބްރާހީމް މޫސާ ލުތުފީ (ސަންދާނު ލުތުފީ) ތުހުމަތު ކުރައްވައިފި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް "ނޫނެކޭ" މިނަމުގައި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަމުން ލުތުފީ ވިދާޅުވީ 1990 ވަނަ އަހަރުތަކުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތުގައި ޚިޔާލުތަފާތުވުމުން ދުވަހަކު ވެސް ރައީސް މައުމޫންގެ ވެރިކަމުގައި ދުލާއި ގަލަމުގެ މިނިވަންކަން ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.
ލުތުފީ ވިދާޅުވީ ދުވަހަކު ވެސް ރައީސް މައުމޫންގެ ވެރިކަމުގައި ދުލާއި ގަލަމުގެ މިނިވަންކަން ނުލިބޭނެ ކަމަށް ވިދާޅުވެ ރައީސް މައުމޫން އަވަހާރަކޮށްލަން ނަޝީދު އުޅުއްވި ކަމަށެވެ.
"އާދެ 1990ގެ އަހަރުތަކުގެ ތެރޭގައި ދުލާއި ގަލަމުގެ މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތުގައި ޚިޔާލު ތަފާތުވުމުން އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކައިރީ ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ތިމަންނާމެންނަށް ދުވަހަކު ވެސް ދުލާއި ގަލަމުގެ މިނިވަންކަން ނުލިބޭނޭ. ދެން އެމަނިކުފާނު ބޭނުންފުޅުވީ މި އިންނެވި ދިވެހިރާއްޖެ އަށް ދުލާއި ގަލަމުގެ މިނިވަންކަން ގެނެސްދެއްވި ދިވެހި ގައުމަށް އަގު ނުކުރެވޭ ވަރުގެ އެތަކެއް ޚިދުމަތްތަކެއް ކުރެއްވި މަނިކުފާނުގެ ފުރާނަ ފުޅަށް ނުރައްކާވާ ކަންތައްތައް ކުރަން،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޣާވާތަކުން ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރުމަށް 2004 ވަނަ އަހަރު ކުރެވުނު މަސައްކަތް ނާކާމިޔާބުވުމުން ރައީސް މައުމޫންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަދި މިހާރު އެމްޑީޕީގައި އުޅުއްވާ ބޭފުޅަކު "ހިޓްމޭންއަކު ހޯދައިގެން މައުމޫން އަވަހާރަކޮށްލައިގެން ނޫނީ މިގައުމު ބަދަލެއް ނުކުރެވޭނެ" ކަމަށް އޭނާ އަރިހު ވިދާޅުވި ކަމަށެވެ.
ރައީސް މައުމޫން އަވަހާރަކޮށްލާ ވާހަކަ ދެއްކުމުން ދުވަހަކު ވެސް އެކަމާ އެއްބަހެއް ނުވާނެ ކަމަށް އޭނާ ދަންނަވާފައިވާނެ ކަމަށާއި މިގައުމުގައި ލޭ އޮހޮރުވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫން ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
"އަދިވެސް މީގެ އެއްހާދިސާ ދަންނަވާނަން. ދެހާސް ހަތަރު ވަނަ އަހަރުގައި ބަޣާވާތަކުން ރައީސް މައުމޫންގެ ވެރިކަން ނިންމާލުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބު ވުމުން ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ރައީސް މައުމޫން ކައިރީ އިންނަވައިގެން ފޯނު ކުރައްވާފައި ވިދާޅުވީ ލުތުފީއޭ ފުރައިގެން އިންޑިއާ އަށް ދާށޭ. މިކަމެއް ނުވާނޭ. މިއީ ހަމަ ވިދާޅުވި ބަސް. ހިޓްމޭންއަކު ހޯދައިގެން މައުމޫން އަވަހާރަކޮށްލައިގެން ނޫނީ އަޅުގަނޑުމެންނަށް މިގައުމު ބަދަލެއް ނުކުރެވޭނޭ. އެދުވަހު ވެސް އަޅުގަނޑު ދެންނެވީ ތިކަމާ އެއްބަހެއް ނުވާނަމޭ. އަޅުގަނޑު އެއްބަހެއް ނުވަން. އެއީ އަޅުގަނޑުގެ މިޒާޖެއް ނޫން. މި ގައުމުގައި ލޭ އޮހޮރުވުމަކީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން،" ލުތުފީ ވިދާޅުވި އެވެ.
ރާއްޖެ އިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން އެވާހަކަ ނުދެއްކުމަށް ނަޝީދުގެ ރަހްމަތްތެރިއަކު އޭނާ ކައިރީ ބުނި ކަމަށާއި އޭނާ ނަޝީދު ސިފަކުރައް ވަނީ "ކްރިމިނަލް މައިންޑެއްގެ" ގޮތުގައި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ