ޑައިވް ސްކޫލް ހުޅުވުމަށްފަހު އުމަރާއި ސީޕީ ޑައިވް ކުރައްވައިފި

ފުލުހުންގެ ޑައިވިންގ ސްކޫލް ހުޅުވައިދެއްވުމަށްފަހު ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ޑައިވް ކުރައްވައިފިއެވެ.
މިއަދު ހަވީރު ކ.ފޭދޫފިނޮޅުގައި އޮތް ރަސްމިއްޔާތަށް ފަހު މިނިސްޓަރ އުމަރާއި ސީޕީ ވަހީދު މެރައިން ފުލުހުންގެ ބައެއް ބޭފުޅުންނާއި އެކު ޑައިވް ކުރެއްވުމަށްފަހު ވަނީ ފަޅު ތެރެއިން މޫދު އަޑިން ބެނާއެއް ނަންގަވާފައެވެ.
19 ކިޓް ހިމެނޭ މި ޑައިވިންގ ސްކޫލް ހުޅުވައި ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ފުލުހުންގެ 82 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޑައިވިންގ ސްކޫލެއް ހުޅުވުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކަނޑުމަތީގެ ދާއިރާގައި މެރިން ޕޮލިސް ހުޅުވަމުންދާ ދޮރުތަކަކީ ވަރަށް މުހިންމު ދޮރުތަކެއް ކަމަށެވެ.
އަދި ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު ކަމުގައިވާތީ، އަދި ކަނޑުމަތީގައި ދިމާވާ އެކި އެކި ހާދިސާތައް ދިމާވާއިރު، ޑައިވިންގ ސްކޫލެއް ހުރުމަކީ މުހިންމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި މިއަދު ހުޅުވިގެން ދިޔަ ޑައިވިންގ ސްކޫލްއަކީ ހަމައެކަނި ފުލުހުންނަށް ހުޅުވުނު ޑައިވިންގ ސްކޫލެއް ނޫނެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މިކަން ދަސްކޮށްދީ މިކަން ފުޅާ ކޮށްދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ