މައުމޫން ގުރައިދޫގައި ދެއްކެވި ވާހަކަތައް ޑީއާރުޕީން ކުށްވެރިކޮށްފި
ތ. ގުރައިދޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް "ޑީއާރުޕީ އަށް ނިސްބަތްކޮށް ހަގީގަތާ ޚިލާފު ބޮޑެތި ދޮގު ހިމޭނޭ ގޮތަށް އަދި ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަފުޅު ދެއްކެވީތީ" ހިތާމަކުރާ ކަމަށް ބުނެ އެ ޕާޓީން މިއަދު ބަޔާނެއް ނެރެފި އެވެ. ޑީއާރުޕީން ބުނީ މައުމޫން އެ ޕާޓީގައި ހުންނެވި އިރު ޒެޑް ފެކްޝަން އުފައްދަވައިގެން ވެސް ސަރުކާރަށް ފާޑުކިއުމުގެ ބަދަލުގައި ޑީއާރުޕީ އަށް ފާޑުކިއުމާއި އަދި އެމަނިކުފާނު ޑީއާރުޕީން ވަކިވެވަޑައިގެން ވަކި ޕާޓީއެއް އުފެއްދެވުމަށް ކުރައްވާ މަސައްކަތުގައި "ރައްޔިތުންގެ ހިތުގައި ޑީއާރުޕީ އަށް އޮންނަ އިތުބާރު ކުޑަވެދާނެފަދަ ހަގީގަތާ ޚިލާފު ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނީ ހަމަ ދީނާއި ގައުމަށްޓަކައިތޯ މިއަދު ސުވާލު އުފެދޭ" ކަމަށެވެ. ޑީއާރުޕީން ބުނީ އެ ޕާޓީ "ނިދާފައި އޮއްވާ" އެމްޑީޕީ ކުރި ހޯދާފައިވާ ކަމަށް މައުމޫން ވިދާޅުވި ކަމަށާއި އެހެން ވިދާޅުވި އިރު "އެކަން އެހެން ދިމާވީ 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އޭރުގެ ޑީއާރުޕީގެ ޒައީމް ރިޔާސީ އިންތިޚާބުގައި ބަލިވެގެން ރާއްޖޭގެ ވެރިކަން އެމްޑީޕީ އަށް ލިބިގެން" ކަމަށެވެ. ބަޔާނުގައި ވަނީ "ޑީއާރުޕީ އަށް ދިމާވި އެންމެ ބޮޑު ނާކާމިޔާބާ ކުރިމަތިލާންޖެހި، އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖޭގެ ގިނަ ރައްޔިތުންނަށް މާޔޫސްކަން ލިބުމުގެ މައިގަނޑު އެއް ސަބަބަކީ މުޅި ރިޔާސީ ކެމްޕޭން ރައީސް މައުމޫންގެ ދޮށީ ދަރިކަލުން ފާރިޝް މައުމޫންގެ ބެލުމުގެ ދަށުން އާއިލީކަމެއްގެ ގޮތުގައި ހިންގެވިކަން" ކަމަށެވެ. ޑީއާރުޕީގެ މިހާރުގެ ލީޑަޝިޕަށް ކަމެއް ނުކުރެވޭ ކަމަށް މައުމޫން ވިދާޅުވި އިރު، ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ އަށް ފަހު ޕާޓީ ހިންގަވަމުން އައީ ލީޑަރު އަހުމަދު ތަސްމީން އަލީ ކަމަށާއި ތަސްމީންގެ ލީޑަޝިޕްގައި ޑީއާރުޕީ އަށް ބޮޑު ދެ އިންތިޚާބު ކާމިޔާބު ކޮށްދީފައިވާއިރު، މައުމޫންގެ ޒައާމަތުގައި، ޕާޓީ ސަރުކާރުގައި އޮވެމެ އެންމެ އިންތިޚާބެއް ވެސް ކާމިޔާބުކުރެވިފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށް ބަޔާނުގައިވެ އެވެ. އަދި، މިހާރުގެ ލީޑަޝިޕްގައި ޑީއާރުޕީގެ މަޖިލީހުގެ މެންބަރުން ޕާޓީން ކެނޑިގެންދާ ކަމަށް ވިދާޅުވި އިރު، މައުމޫންގެ ލީޑަޝިޕްގައި އެ މަނިކުފާނު އައްޔަންކުރައްވާ އަށް މެންބަރުން މަޖިލީހުގައި ތިބެމެ، މަޖިލީހުގެ މެޖޯރިޓީ ޑީއާރުޕީ އަށާއި މައުމޫނުގެ ސަރުކާރަށް ގެއްލުނު ކަމަށާއި މައުމުންގެ ކޮއްކޯފުޅު ޔާމީން އަބްދުލްގައްޔޫމް ޕާޓީގެ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާ އެކު ޑީއާރުޕީން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް ހެއްދެވީ ކަމަށް ވެސް ޑީއާރުޕީން ބުންޏެވެ. ޑީއާރުޕީ އަށް ސަރުކާރު ޒިންމާދާރުކުރުމަށް އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވޭކަމަށް މައުމޫން ވިދާޅުވިއިރު، ފާއިތުވި ދޮޅުއަހަރު ޑީއާރުޕީން ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ސާބިތުކަމާ އެކު ކުރަމުންދިޔައީ ޑީއާރުޕީ އެތެރޭގެ ހަމަނުޖެހުންތަކުގެ ގޮންޖެހުންތަކާ އެކުގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. "އަދި މިދެންނެވި އެތެރޭގެ ގޮންޖެހުންތަކަކީ ކުރީގެ ރައީސް މައުމޫނުގެ ނުފޫޒު ޕާޓީ ތެރޭގައި ގަދަކުރެއްވޭތޯ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ހިންގެވި އަމަލުތަކެއްކަމީ ޕާޓީގެ ލޮބުވެތި މެންބަރުންނަށް މިހާރު ވަރަށް ސާފުކޮށް އެނގޭ ކަމެވެ،" ބަޔާނުގައިވެ އެވެ. "އެމްޑީޕީގެ ދުއްތުރާ ރައްޔިތުންނަށް ނުހަނު ބޮޑުވެފައިވާ މިދަނޑިވަޅުގައި އިދިކޮޅު ޕާޓީތައް ޒުވާބުކޮށް އެއްބަޔަކު އަނެއްބަޔަކާ ދިމާކުރަމުން ގެންދިއުމަކީ އެމްޑީޕީއަށް އެންމެ ފައިދާ ހުރި އަދި މިއަދުގެ ސަރުކާރު އެންމެ އެދޭ ގޮތް ކަމަށް ވާތީ ކުރީގެ ރައީސް މައުމޫނާއި އަރިހުގައި އުޅޭ މީހުންގެ މިފަދަ އަމަލުތަކަކީ ތެދުވެރިކަމާއި އިޚްލާސްތެރިކަމެއް ނެތް ކަންތައްތަކެއްކަން މިއަދު ރައްޔިތުންނަށް ހާމަވެއްޖެ ކަމުގައި ދެކެމެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ