އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅަން ސިފައިންގެ ކިބައިން އެދުނީ ފުލުހުން އެދުމުން: ކުރީގެ ހޯމް މިނިސްޓަރު
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ދޭތެރޭ ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންނެވީ އޭނާގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފުލުހުން އެންގުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެ އެވެ. އަފީފް މިގޮތަށް ވިދާޅުވެފައި ވަނީ، ސަލާމަތީ ބާރުތަކުން ގިރިފުށީގައި 22 ދުވަސް ވަންދެން އަބްދުﷲ ގާޒީ އެކަހެރިކޮށްގެން ގެންގުޅުނު މައްސަލައިގެ ތަހުގީގަށް ހިއުމަން ރައިޓްސް ކޮމިޝަނަށް އޭނާ ހާޒިރުކުރުމާ ގުޅިގެންނެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް އޭނާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްސަލާގައި އެ ކޮމިޝަނުން އޭނާއާ ގިނަ ސުވާލުތަކެއްކުރި ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލް އަފީފް މީޑީއާ އަށް ހާމައެއް ނުކުރައްވަ އެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނު ވެސް ވަނީ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ތަހުގީގަށް ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީއާ ދޭތެރޭ ފިޔަވަޅު އެޅީ ޑިފެންސް މިނިސްޓްރީން ކަމަށެވެ. އަދި ތޮލްހަތު ވިދާޅުވެފައި ވަނީ އެކަމުގެ ހުރިހާ ތަފްސީލެއް ނުދެއްވި ނަމަވެސް، އަބްދުﷲ ގާޒީ އެކަހެރިކޮށް ބެހެއްޓީ، އެކަން ނުކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް އޭރުގެ ހޯމް މިނިސްޓަރު އަފީފާއި ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވިދާޅުވެ އެކަން އެންގެވުމުން ކަމަށް އެޗްއާރުސީއެމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ