އަލި މަނިކުގެ ޖަނާޒާގައި ރައީސްގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ އުމަރު
ގައުމީ ޚިދުމަތްތެރިއެއް ކަމަށްވާ ކޮލި އަލީ އުމަރު މަނިކުގެ ޖަނާޒާގައި ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނީ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ. އަލިމަނިކު އަވަހާރަވީ ރޭގެ ވަގުތެއްގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. އާލާސްކަންފުޅު ބޮޑުވުމާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވި އަލިމަނިކުގެ ޖަނާޒާ ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ މާދަމާ ހަވީރު ސިންގަޕޫރުގަ އެވެ. އަލިމަނިކުގެ ޖަނާޒާ އަށް މިނިސްޓަރު އުމަރު މިއަދު ފުރާވަޑައިގަންނަވާނެ އެެވެ. އަލިމަނިކު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ އަލި މަނިކަކީ، ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި އަދި ރާއްޖެ މިއަދު މިދެކޭ ތަރައްގީގައި މުހިއްމު ހިއްސާއެއް އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަލި މަނިކު އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ވަނީ ހަމަޖައްސަވައިފަ އެވެ. ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފު އަރުވާފައިވާ އަލި މަނިކަކީ 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ މަނިކުފާނު ވަނީ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަގާމު ފުރުއްވައިފަ އެވެ. ސަރުކާރުގެ ހިދްމަތް އަލިމަނިކު ފެށްޓެވީ، ޖުލައި 13، 1958 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ، ހާރިޖިއްޔާގެ ސަފީރު އޮފީހުގެ ވެރިޔާގެ ސެކްރެޓަރީ ކަމުގެ މަގާމެވެ. އޭގެ ފަހުން، ވަޒީރުލް އައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، ދިވެހި ދައުލަތުގެ ވިޔަފާރިއާ ބެހޭ ސަފީރުކަން ކުރައްވާފައިވެ އެވެ. އަދި މިނިސްޓަ އޮފް ޝިޕިން ކަމުގެ މަގާމު ވެސް އެ މަނިކުފާނު ވަނީ ފުރުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ