އިސްތިއުނާފަށް ނުދިއުމުގެ ނިންމުން ބަދަލުކޮށް، ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ދަނީ

ޓެރަރިޒަމްގެ ކުށުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފް ނުކުރަން ނިންމާފައިވާ ނިންމުން ބަދަލުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ނަޝީދުގެ ފަރާތުން ކުރިން ބުނެފައިވަނީ ޝަރުއީ މަރުހަލާތަކަށް ދާން ބޭނުންފުޅު ނުވާ ކަމަށާއި ބޭނުމީ ސިޔާސީ ހައްލެއް ކަމަށެވެ. ނަމަވެސް ނަޝީދަށް ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރެއްވީ އިސްތިއުނާފް މަރުހަލާތައް ފުރިހަމަ ކުރެއްވުމަށެވެ. ނަޝީދުގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ޓީމުގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ނަޝީދަކީ ގޮތް ދޫކުރައްވާ ބޭފުޅެއް ކަމަށާއި އިސްތިއުނާފް މަރުހަލާ ފުރިހަމަ ކުރަން ބޭނުންފުޅުނުވާ ކަމަށް ކުރިން ވިދާޅުވިޔަސް މިހާރު އެމަނިކުފާނު ބޭނުންފުޅުވަނީ އިސްތިއުނާފް މަރުހަލާ ފުރިހަމަ ކުރަން ކަމަށެވެ. އަދި އާ ގާނޫނުލް އުގޫބާތުގެ ދަށުން ލުއި އަދަބެއް ނަޝީދަށް ކަނޑައެޅިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންވެ ރައީސް ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނަޝީދު ނިންމެވީ ކަމަށް ހިސާން ވިދާޅުވި އެވެ. "ނަޝީދު ބަންދުކޮށްފައި ހުންނަ ހުރުމުގެ ސަބަބުން ބޭރުގެ ފިއްތުންތަކާއި އަދި އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާކަން އެމަނިކުފާނަށް ސާފުވެ ވަޑައިގަންނަވާ. އެހެންވެ ރައީސް ޔާމީން އެދިވަޑައިގަންނަވާ ގޮތަށް ޝަރީއަތުގެ ތެރެއިން ހައްލެއް ހޯދަން ނަޝީދު ވަނީ ނިންމަވާފައި،" ހިސާން ވިދާޅުވި އެވެ. ނަޝީދުގެ ޝަރީއަތުގެ އުސްއަލިތައް ނަޝީދު ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ނުކުރަން ނަޝީދު ނިންމެވި.އަދަބު ލުއިކޮށްދޭން ނަޝީދު އެދިވަޑައިގަތް.އިސްތިއުނާފް މަރުހަލާ ފުރިހަމަ ކުރަން ނަޝީދަށް ރައީސް އިލްތިމާސް ކުރެއްވި.ނަޝީދުގެ ޖަލު ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި.ދައުލަތުން ހުށަހެޅި ނަޝީދުގެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމި.ހައި ކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގަތް.އެ ޓީމުގައި ހިމެނޭ ވަކީލް ކުރީގެ ސޮލިސިޓަ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ކްރިމިނަލް ކޯޓުން ނަޝީދަށް އިއްވި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ނުކޮށް، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމީ އެ ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކީ ކްރިމިނަލް ކޯޓުގައި ނަޝީދުގެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރުން ކަމަށްވާތީ ކަމަށެވެ. މީގެ އިތުރުން ނަޝީދުގެ އެ ހުކުމް އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މައުޟޫއީ ގޮތުން ބައެއް ނިންމުންތައް ހައި ކޯޓުން ނިންމާފައިވާތީ އެއީ ވެސް ނަޝީދުގެ ފަރާތުން ހައި ކޯޓަށް ދާން ބޭނުން ނުވާ ސަބަބެއް ކަމަށް ރިފްއަތު ވިދާޅުވި އެވެ. "ކްރިމިނަލް ކޯޓުގައި ހިންގުނު ޝަރީއަތުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓަށް ހުށަހެޅުމަކީ އިންސާފުވެރި، އަދުލުވެރި ނިންމުމެއް ލިބޭނެ ކަމެއް ކަމަކަށް ނުބެލެވޭ. އެއީ މުސްތަގިއްލު ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލުމުގެ ފުރުސަތު ނެތުމުން،" ރިފްއަތު ވިދާޅުވި އެވެ. ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް (ކ) އާއި ހިސާން ހުސައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ހަވީރު ފައިލް ފޮޓޯ މީގެ އިތުރުން ނަޝީދު ދޫކޮށްލަންޖެހޭ ކަމަށް އދ. ގެ ވޯކިން ގްރޫޕުން ނިންމާފައިވާތީ އަދުލު އިންސާފު ގާއިމް ކުރުމުގެ އިސް ފަރާތުގެ ހައިސިއްޔަތުން އެކަން ކުރެވޭނީ ސުޕްރީމް ކޯޓަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް ރިފްއަތު ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓަކީ އެ ކޯޓުގެ ޒާތުގައި ވެސް ޚާއްސަ ބާރުތަކެއް ގާނޫނީ ގޮތުން ލިބިފައިވާ ކޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވަކީލުންގެ ޓީމުގައި ހިމެނޭ މަހްފޫޒް ސައީދު ވިދާޅުވީ ނަޝީދަށް އިއްވާފައިވާ އަދަބު އާ ގާނޫނުލް އުގޫބާތުގެ ދަށުން ލުއި ކުރެވިދާނެ ކަމަށާއި އިސްތިއުނާފް މަރުހަލާގައި ލުއި އަދަބެއް ކަނޑައެޅުމުގެ ބާރު އޮންނާނެ ކަމަށެވެ. ނަޝީދުގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ އަމަލަށް އާ ގާނޫނުލް އުގޫބާތުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ހަތަރު މަސް ދުވަހަށް ޖަލަށްލުން ކަމަށާއި އެހެންވެ ލުއި އަދަބު ނަޝީދަށް ލިބެންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. "ސުޕްރީމް ކޯޓަށް އަމަލުކުރެވިދާނެ ގޮތެއް އެކަށީގެންވާ ދައުވާއަކަށް ދައުވާ ބަދަލު ކުރުމަކީ. އެއީ މީގެކުރީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތެއް. މިކުރެވޭ އިލްތިމާސްގައި އެންމެ ބޮޑަށް ބާރު އަޅާނެ ކަމަކީ ޓެރަރިޒަމްގެ ދައުވާ މިހާރުގެ ގާނޫނީ އިޖްރައާތުގެ ތެރެއަށް ފެތޭ ދައުވާއަކަށް ބަދަލުކުރުމާ އެކު އެކަމުގައި ގޮތެއް ނިންމުން. އޭގެފަހުގައި ސާބިތުވާ ކަމަށް ނުވަތަ ނޫން ކަމަށް ނިންމައި ދިނުން،" މަހްފޫޒް ވިދާޅުވި އެވެ. ވަކީލް ހަސަން ވިދާޅުވި ގޮތުގައި ނަޝީދުގެ ނިންމުން އެމަނިކުފާނު ބަދަލުކުރެއްވީ ވަރަށް ގިނަ ގޮތްގޮތުން ވިސްނެވުމަށް ފަހު އެވެ. އަދި ސުޕްރީމް ކޯޓަށް ދާން ނިންމާފައިވާތީ ވަކީލުންނަށް ވެސް ނަޝީދާ ބައްދަލުކުރަން އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމަށް އޭނާ އެދިވަޑައިގަތެވެ. ނަޝީދުގެ ހުކުމް އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމިއިރު ދައުލަތުން ވެސް ވަނީ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި ދައުލަތުން ހުށަހެޅި އެ މައްސަލަ އަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ހުއްދަ ވެސް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ