ހަމްދާން ޒަކީ އާއި ޖާދުﷲ ގެ މައްޗަށް ކުޅުދުއްފުށި ކޯޓުން ކުރި އަމުރު ރަނގަޅު: ހައިކޯޓް

ހދ.ހޮނޑައިދޫ ގައި މަސްތުވާތަކެއްޗާއި ރާ ގެންގުޅެ އަދި އެތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހާމްދާން ޒަކީ އާއި ޖާދުﷲ އިސްލާއީލްގެ މައްޗަށް މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އަމުރަކީ ރަނގަޅު އަމުރެއްކަމަށް ހައިކޯޓުން މިއަދު ނިންމައިފިއެވެ.
ހަމްދާން އާއި ޖާދުﷲ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އެމީހުންގެ މައްޗަށް ކޮށްފައިވާ އަމުރަކީ ބާތިލު އަމުރެއްކަމަށްބުނެ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް އިއްވަމުން ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ގަރީނާތަކަށް ބަލާއިރު ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އެދެމީހުން ހޯމްމިނިސްޓްރީން ބޭނުންވާ ތަނެއްގައި ފަސްދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމަށް ނިންމާފައިވާ ނިންމުން ބަދުލުކުރުމަށް ޝަރުއީ އަދި ގާނޫނީ އެއްވެސް ހަމައެއްނެތްކަމަށެވެ. އެހެންކަމުން ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަކީ ސައްހަ އަމުރެއް ކަމަށެވެ.
އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ފަޑިޔާރުން ފާހަގަކޮށްފައިވާ ނުކުތާތަކަކީ ފުލުހުން އެމައްސަލާގައި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައި ފާހަގަކޮށްފައިވަނީ ހަމްދާން އާއި ޖާދުﷲ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީ އާއި ހެކި ނައްތާލަފާނެ ކަމަށް ފެންނާތީ އެމީހުން ބަންދުގައި ބަހައްޓައި ދިނުމަށެވެ. އެހެންކަމުން މައްސަލައެއްގެ ތަހުގީގު ކުރިއަށްދާއިރު ކުށެއްގެ ތުހުމަތުގައިވާ މީހާ އެކުށުގެ ހެކި ނައްތާލަފާނެކަމަށް ނުވަތަ ހެއްކަށް ނުފޫޒުފޯރުވަފާނެކަމަށް ފަނޑިޔާރަށް ފެނިއްޖެ ހާލަތެއްގައި އެމީހާ ބައްދުގައި ބެހެއްޓުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށެވެ.
އަދި ހަމްދާން އާއި ޖާދުﷲ ހައްޔަރުކޮށްފައިވަނީ ރަލާ މަސްތުވާތަކެތި ހުރިތަނަކުން ކަމަށާއި އެދެމީހުންވެސް ތިބީ މަސްތުވެގެންކަމަށްބުނާ ހެކި ހުރިކަމަށްވެސް ދައުލަތުން ބުނެއެވެ.
އިތުރަށް ފަނޑިޔާރު ވިދާޅުވީ ހަމްދާން ހައްޔަރުކުރި އިރު ހުރި ކޮޓަރި ތެރެއިން ފެނުނު ރާލާއި މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ނޫންކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ނުވާކަމަށެވެ.
ފަނޑިޔާރު އެގޮތަށް ވިދާޅުވި ނަމަވެސް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަމްދާން ޒަކީގެ ގާނޫނީ ވަކީލު އިސްމާއީލް ވިޝާމް ވިދާޅުވީ ހަމްދާން ހައްޔަރުކޮށްފައިވަނީ ފަޅުރަށެއް ކަމަށްވާ ހދ ހޮނޑައިދޫގައި ހުންނަ ސްޓޯރޫމެއްގެ ގޮތުގައި ބޭނުން ކުރަމުންއަންނަ ކޮޓަރިއެއްގެ ތެރޭގައި އަނބިމީހާއާއި ކުޑަދަރިފުޅާއެކު ނިދާއިއޮއްވާކަމަށެވެ. އަދި އެކޮޓަރީގައި ހަމްދާން އެރޭ ނިދަންޖެހުނީ އެރަށުގައި ހުންނަ ހަމްދާން ބޭނުންކުރަމުންއަންނަ ކޮޓަރި އެހެންބަޔަކަށް އެރޭ ދީފައިވާތީ ކަމަށެވެ. އެރަށަކީ މީހުން ދިރިއުޅޭ ރަށެއްނޫންކަމަށާއި އެރަށަކީ ހަމްދާންގެ ރަށެއްވެސް ނޫންކަމަށެވެ. އަދި ހަމްދާން ނިދާފައިއޮތް ސްޓޯރު ރޫމުން ފެނުނުކަމަށް އެވިދާޅުވާ މަސްތުވާތަކެއްޗަކީ ހަމްދާންގެ ތަކެއްޗެއްނޫން ކަމަށާއި އެތަކެއްޗަށް ހަމްދާން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ