އިންކުއަރީ ކޮމިޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތައް ޕީޕީއެމުން ގަބޫލްނުކުރަން: އުމަރު

ވެރިކަން ބަދަލުވިގޮތް ބެލުމުގެ މަސައްކަތް ކުރަމުންގެންދާ އިންކުއަރީ ކޮމިޝަނުން މިހާރު ކުރަމުންގެންދާ މަސައްކަތްތައް ޕީޕީއެމުން ގަބޫލްނުކުރާކަމަށް އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ގަބޫލުނުކުރައްވަނީ ކޮމިޝަނުގެ މަސައްކަތުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވަދެ އަތްގަދަކުރަމުންގެންދާތީ އާއި ކޮމިޝަނުގެ މިނވަންކަން ގެއްލިފައިވާތީކަމަށެވެ.
"އޮބްޒާވަރުންގެގޮތުގައި ތިބި ބަޔަކު އެދަނީ ހާޒިރުވާ މީހުންނާ ސުވާލުކުރަމުން. އެ މީހުންނަކަށް ސުވާލެއްނުކުރެވޭނެ. އެމީހުންވާންޖެހޭނީ ކަން ހިނގާގޮތް ބަލާ ބަޔަކަށް. ބޭރުގެ ބަޔަކަށް ރާއްޖޭގެ ކަންކަމަށް ނުފޫޒެއްނުފޯރުވޭނެ. ބޭރު މީހުން އެދަނީ ނުފޫޒު ފޯރުވަމުން،" އުމަރު ވިދާޅުވިއެވެ.
ވީޓީވީގެ ފަސް މަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާ ކޮމިޝަނަށް ދެވަނަ ފަހަރަށް ހާޒިރުވެ ޖަވާބުދާރީވާން ބޭނުންވެވަޑައިނުގަންނަވަނީ އޮބްޒާވަރުން ސުވާލުކުރާތީކަމަށާއި އެކަން އެމީހުންނަށް ނުކުރެވޭނެކަމަށެވެ.
"އަޅުގަނޑު މިއިހުތިޖާޖުކުރަނީ އެކަމާ. އެ މީހުން ސުވާލުނުކުރާގޮތް ހަދާނަމޭ ހާޒިރުވާށެވެސް ވިދާޅުވި. ނަމަވެސް އަޅުގަނޑު ބުނިން މި އިހުތިޖާޖުކުރަނީ ކަންތައްތައް ކުރާ އުސޫލާމެދު ހިތްހަމަނުޖެހިގެންކަމަށް. އެއީ އޮބްޒާވަރުން ސުވާލުކޮށް ހަދާތީއޭ،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުގެ އިންތިގާލީ ރައީސް މައުމޫނު ކޮމިޝަނަށް ވަޑައިގެންނެވި ދުވަހުވެސް އޮބްޒާވަރުން ސުވާލުކުރިކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައިވާކަމަށާއި އެހެން ކަމުން ބޭރު މީހުންގެ ނުފޫޒު ކޮމިޝަނުގައި އޮތްކަން ގަބޫލުކުރެއްވޭކަމަށެވެ.
"ފުރަތަމަ އުޅުނީ ސީދާގޮތުގައި އެކަންކުރަން. ނަމަވެސް އެފުރުސަތު ނުލިބުމުން މިހާރު އެވަނީ ވަލުދޮރާށިން ވަދެފައި. އެދޮރުން ވަދެ ތިބެ ނުފޫޒު ފޯރުވަނީ ކޮމިޝަނުގެ މަސައްކަތައް،" ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ހިންގި ހަރަކާތުގައި އިސްކޮށް އުޅުއްވި އުމަރު ވިދާޅުވިއެވެ.
ކޮމިޝަނުގައި ތިބި ފަސް މެމްބަރުން ނޫން ބަޔަކަށް ސުވާލުކޮށްނުހެދޭނެކަމަށާއި އެކަން އެ ނޫންގޮތަކަށް ކުރިއަށްނުގެންދިއުމަށް ރައީސް ވަހީދަށް ދަންނަވާފައިވާނެކަމަށް އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮމިޝަނުގެ މަސައްކަތަށް ބައެއް މުއައްސަސާތަކުން އެއްބާރުލުންނުދޭކަމަށާއި ނަމަވެސް ޕީޕީއެމުން އެއްބާރުލުންދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ