ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އިޖްރާއަތާ ހިލާފަށް ކަމަށް ކަނޑައަޅައި ދަށުކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ވެސް މިއަދު ތާއީދުކޮށްފި އެވެ.
ޖޭއެސްސީން އަބުދުﷲ މުހަންމަދަށް ފިޔަވަޅު އެޅުމަށް ނިންމަވާފައިވަނީ ޖުލައި 16، 2009 ގެ ރޭ ދިޓީވީގެ ހަބަރުގައި، ކުރީގެ ރައީސް މުހަންމަދު ނަޝީދު ސަރުކާރުގެ ކެބިނެޓުން ކުރާ ކަންކަމަށް ފާޑިވިދާޅުވި ކަމަށް ބުނެ އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ދައްކަވާފައިވާ ވާހަކައެއް ކަމަށް ތުހުމަތުކޮށެވެ. ފިޔަވަޅު އަޅާފައިވަނީ ޖޭއެސްސީގެ ގާނޫނާއި އެކޮމިޝަނުގެ އިޖުރާއަތްތަކާއި އުސޫލުތަކާއި ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ޖުލައި 12، 2012 ގައެވެ.
ސިވިލްކޯޓުގެ ހުކުމް އަބްދުﷲ ގާޒީގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖުލީހުގައި ސިވިލްކޯޓުން އަބުދުﷲ މުހައްމަދުގެ މައްޗަށް ކޮށްފައިވާ ހުކުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ތާއީދުކޮށްފަ އެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަބްދުﷲ މުހަންމަދު ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައިވާކަމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ނުކޮށް ގާނޫނީ ހަމަތަކުގެ ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެ ހުކުމުގައި އިތުރަށް ބުނަނީ އަބްދުﷲ މުހަންމަދުގެ މައްސަލަ ތަހުގީގުކުރާ ކޮމެޓީގެ ރިޕޯޓާމެދު ޖޭއެސްސީން ގޮތެއް ނިންމަން ޖެހޭނީ އެ މައްސަލަ ރައްދުވާ ފަނޑިޔާރަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ފަހުގައި ހުށަހެޅޭ ހެކިތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް މައްސަލަ ބެއްލެވި ކޮމެޓީން ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ. އަދި ސުލޫކީ މިންގަނޑުތަކާ ހިލާފުވިކަމަށް ބުނެ ހުށައެޅިފައިވާ މައްސަލައަށް އެކަށީގެންވާ ސާބިތުހެކި ޖޭއެސްސީއަށް ދެއްކެވިފައި ނުވާ ކަމަށް ވެސް ބުނެއެވެ.
ސުލޫކީ މިންގަނޑާ އަބްދުﷲ ގާޒީ ހިލާފެއް ނުވޭ: ހައިކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ