ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ހުރަސް ނޭޅުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
ރިޔާސީ އިންތިހާބު ކަވަރު ކުރާ ނޫސްވެރިންނާއި އޮބްޒާވަރުންނަށް އެމީހުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމަށް ޟަރޫރީ ގޮތުން ކޮންމެހެން ބޭނުންވާ ވަސީލަތްތައް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ބޭނުން ކުރުމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް އަންގައި ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ސޮއިކުރައްވައި މި އަމުރު ނެރުނީ ރިޔާސީ އިންތިހާބު ކަވަރު ކުރާ ނޫސްވެރިންނަށް ނުވަތަ މީޑިއާތަކަށް ވެސް ވޯޓުލާ ސަރަހައްދަށް ކެމެރާ އާއި އެފަދަ އެއްވެސް އެއްޗެއް ވެއްދުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ބުނެފައިވަނިކޮށެވެ. އެ ކޮމިޝަނުން ބުނެފައި ވަނީ މިދިޔަ މަހު ބޭއްވި އިންތިޚާބު ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ވޯޓުލާ ސަރަހައްދަށް ގަލަން ފިޔަވައި އެއްވެސް އެއްޗެއް ނުވެއްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މީޑިއާތަކަށް ވެސް ކެމެރާ ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ނުވެއްދޭ ގޮތަށް ނިންމާފައިވާ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. އެ ކޮމިޝަންގެ މި ނިންމުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް މީޑިއާ ކައުންސިލުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އުއްތަމަ ފަނޑިޔާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ އިންތިޚާބު ބޭއްވުމާ ބެހޭ ގޮތުން މިދިޔަ ހޯމަ ދުވަހު އެ ކޯޓުން ކުރި ހުކުމުގައިވާ ގައިޑްލައިންތަކުގެ މަގުސަދަކީ އެ އިންތިޚާބުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާ އެކު، ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ ގޮތަށް އިންތިޚާބުގެ ކަންކަން އިންތިޒާމުކުރެވިފައިވާ މާހައުލެއް ގާއިމުކުރެވިފައި އޮތުން ގެރެންޓީ ކުރުން ކަމަށެވެ. އަދި އެ ހުކުމުގެ މަގުސަދަކީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ނޫސްވެރިންނާއި އޮބްޒާވަރުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅުން ނޫން ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ. އެހެން ކަމުން ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި ގާނޫނުގެ އިމުގެ ތެރެއިން ހަރަކާތްތެރިވާ ނޫސްވެރިންނާއި އޮބްޒާވަރުން އެ މީހުންގެ ޕްރޮފެޝަނަލް މަސްއޫލިއްޔަތު އަދާކުރުމަށާއި އެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ވަސީލަތްތައް ބޭނުން ކުރުމަށް، ސުޕްރީމް ކޯޓުގެ ގައިޑްލައިންގެ ސަބަބުން އެއްވެސް މިންވަރަކަށް ހުރަސް އެޅިގެން ނުދާނެ ކަމަށާއި އެކަމަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ވެސް އެ ކޯޓުން އަމުރުކޮށްފައިވެ އެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބު ބާތިލުކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ވޯޓުލުމަށްޓަކައި ނުވަތަ އެ ނޫން ގޮތަކުން ކަމަށް ވިޔަސް ވޯޓުލާ މަރުކަޒަށް ވަންނަ އެއްވެސް މީހަކު (އޮފިޝަލުން ހިމެނޭ ގޮތުން) ވޯޓުލާ މަރުކަޒަށް ފޯނާއި އަތް ދަބަހާއި ފައިލް ފަދަ ކެންޑިޑޭޓެއްގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ކަމަށް ބެލެވޭ އެ ނޫން ވެސް އެފަދަ ވަސީލަތެއް (ގަލަން ފިޔަވައި) ވެއްދުމަކީ މަނާ ކަމެއް ކަމަށް ހަމަޖެއްސުމާއެކު އެފަދަ އަމަލެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ