އަފްރާޝީމަށް ހަމަލަދިނީ ރާއްޖޭން އިސްލާމްދީން ނައްތާލަން ބޭނުންވާ ބަޔަކު: މައުމޫން

ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީއަށް ހަމަލާދީ އަވަހާރަކޮށްލީ ރާއްޖޭން އިސްލާމްދީން ނައްތާލަން ބޭނުންވާ ބަޔަކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ އަފްރާޝީމްގެ ހަނދާނުގައި އޭނާގެ އުފަން ރަށް ރ. އުނގޫފާރުގައި ބޭއްވި ތައުބީންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިންތިގާލީ ރައީސް މައުމޫން ވިދާޅުވީ އަފްރާޝީމް އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައިވަނީ އިސްލާމްދީނަކީ ހަރުކަށި ދީނެއް ނޫން ކަމާއި އެއީ އެންމެ މަޑުމައިތިރި ދީންކަން މީހުންނަށް އަންގަވައިދެއްވުމަށް ކަމަށެވެ. އަދި މީހުންގެ ފާޑުކިޔުންތަކަށް ނުބަލައި، ހަމައެކަނި ﷲއަށް ބިރުވެތިވެގެން އޭނާ ރާއްޖޭގައި އިސްލާމް ދީން އުނގަންނަވައިދެއްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންވެ، އަފްރާޝީމަށް ދިން އެ ހަމަލާއަކީ އިސްލާމްދީނާ ދެކޮޅަށް، ރާއްޖޭން އިސްލާމް ދީން ނައްތާލުމަށް ދިން ހަމަލައެއް ކަމަށް މައުމޫން ވިދާޅުވި އެވެ. "އަފްރާޝީމަށް ދިން ހަމަލާއަކީ ހަމައެކަނި އޭނާއަށް ދިން ހަމަލާއެއް ނޫން. އޭނާގެ އާއިލާއަށް އަދި ރަށަށް ދިން ހަމަލާއެއް ވެސް ނޫން. އެއީ އިސްލާމް ދީނާ ދެކޮޅަށް ދިން ހަމަލައެއް. ގައުމަށް ދިން ހަމަލައެއް. އެއީ ރާއްޖޭގައި އިސްލާމްދީން ބޭއްވުމަށް ބޭނުން ނުވާ ބަޔަކު ދިން ހަމަލާއެއް،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނަ ބަޔަކު ދީނީ ތައުލީމާއި ޕީއެޗްޑީ ހާސިލް ކުރާ ކަމަށާއި އެކަމަކު އެ މީހުންގެ ފަރާތުން ގައުމަށް ފައިދާ ކުރާ މިންވަރާ މެދު ސުވާލު ކޮށްލަން ޖެހޭ ކަމަށެވެ. އަދި އަފްރާޝީމް މަސައްކަތް ކުރެއްވީ އިސްލާމްދީނުގައިވާ ރަހުމަތާއި މެދުމިން ރައްޔިތުންނަށް އުނގަންނައިދޭން ކަން ފާހަގަ ކުރައްވައި މައުމޫން ވިދާޅުވީ، އޭނާ އަވަހާރަވުމުން ގައުމަށް ލިބުނު ގެއްލުން ދުވަހަކު ވެސް ފޫނުބެއްދޭނެ ކަމަށެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ އަފްރާޝީމާ ދޭތެރޭ ހިތްހަމަ ނުޖެހޭ ބަޔަކު އުޅޭކަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށާއި މިހެން ވެދާނެ ކަން ކުރިން ވެސް އަފްރާޝީމަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ރާއްޖޭގެ އެހެން އިލްމުވެރިންނާ ހިލާފަށް ދީނަށްޓަކައި އަމިއްލަ ނަފްސު ޝަހީދުކޮށްލަން އޭނާ އަށް ކެރިވަޑައިގަންނަވާ ކަމަށް އިލްހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން ކޮންމެ މީހަކު ވެސް މި ފަދަ ގޮތަކަށް މަރުގެ ކުރިމައްޗަށް ހުށަހެޅިދާނެ ކަން، ރާއްޖޭގެ ތިން ބާރު ކަމުގައިވާ ސަރުކާރާއި ޝަރުއީ ދާއިރާ އާއި ރައްޔިތުންގެ މަޖލިސް ގަބޫލު ކުރާ ކަމަށެވެ. އެހެންވެ، މިކަމަށް ހައްލެއް ހޯދުމަށް ތިން ބާރު އެއް މޭޒުދޮށަށް ދިޔުމަށް އިލްހާމް ގޮވާލެއްވި އެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ހަމައެކަނި ދީނީ އިލްމުވެރިއަކަށް ވެވަޑައިގެން، ދީން ވަރުގަދަ ނުކުރެވޭނެ ކަމަށް އަފްރާޝީމް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި ދީނުގެ ބަސް ވަރުގަދަ ކުރުމަށްޓަކައި ސިޔާސީ ބާރު ވެސް ހޯއްދަވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަފްރާޝީމްގެ މަރަށް އިންސާފު ހޯއްދަވައިދެއްވުމަށް ޕީޕީއެމްގެ ހުރިހާ ސިޔާސީ ބާރުވެރިކަމެއް ބޭނުންކުރައްވައިގެން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އޭނާގެ ގާތިލުން ޝަރީއަތުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. ޕީޕީއެމް އާއި އުނގޫފާރު ރައްޔިތުން ގުޅިގެން ބޭއްވި މި ޖަލްސާގައި މަޖިލީހުގެ މެމްބަރުންނާއި ރަށުގެ ބައެއް ރައްޔިތުން ވެސް ވާހަކަ ދެއްކެވި އެވެ. އަދި މި ޖަލްސާގައި އަފްރާޝީމްގެ އާއިލާ އާއި ޕީޕީއެމްގެ ގިނަ މެމްބަރުންނާއި ކައިރި ރަށްރަށުން ވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެވެ. ވަރަށް އަނިޔާވެރި ގޮތަކަށް ހަމަލާދީ އަފްރާޝީމް އަވަހާރަކޮށްލާފައި އޮއްވާ މިދިޔަ ހޯމަދުވަހުގެ ރޭ ދަންވަރު ފެނުނީ އޭނާގެ އަނބިކަނބަލުންނަށެވެ. އަފްރާޝީމް އަވަހާރަކޮށްލާފައި އެއްލާލާފައި އޮތީ އޭނާ ދިރިއުޅުއްވާ ގޭގެ ސިޑި ކައިރީގަ އެވެ. މި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް ތަހުގީގާ ބެހޭ އިތުރު އެއްވެސް އެއްޗެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މާލޭގެ އިސްލާމީ މަރުކަޒުގައި ކުރި ކަށުނަމާދުގައި އެތަކެއް ހާސް ބަޔަކު ބައިވެރިވުމަށް ފަހު އަންގާރަދުވަހު ހަވީރު އާސަހަރާގައި އަފްރާޝީމް ވަނީ ފަސްދާނުލާފަ އެވެ. އޭނާ އަވަހާރަވި އިރު އަނބިކަނބަލުންގެ އިތުރުން ތުއްޕުޅު ތިން ބޭފުޅުން ވެސް އެބަތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ