ބޯޓުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 61 މިލިއަން ރުފިޔާ ދައްކަން އަންގައިފި
މާލޭ އިރުމަތީފަރާތު ވަރުނުލާ ރާޅުގަނޑާ ދިމާލަށް މި މަހުގެ ހަތް ވަނަ ދުވަހު ހަވީރު ފަރަށް އެރި ކާގޯ ބޯޓުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 61.6 މިލިއަން ރުފިޔާ (ހަތަރު މިލިއަން ޑޮލަރު) ދައްކަން ޓްރާންސްޕޯޓް އޮތޯރިޓީން އަންގައިފި އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއް ރަޝީދު ނާފިޒު މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ ކޮންޓެއިނާ ހިފައިގެން މާލެ އައި "އޮގަސްޓޯ ޝައުލްޓް" ފަރަށް އެރި ސަރަހައްދު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ދިރާސާކުރުމަށްފަހު އެތަނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 61 މިލިއަން އަށް އަރާ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެ އެޖެންސީ ރިޕޯޓަށް ބެލުމަށްފަހު އެ ފައިސާ ދައްކަން ބުރާސްފަތި ދުވަހު އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިފަހަރު ޖޫރިމަނާ ކުރީ ޓްރާންސްޕޯޓްގެ ގާނޫނުގެ ދަށުން. ގެއްލުމުގެ ބަދަލު ކަނޑައަޅާފައި ވަނީ ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނު ދަށުން ހަދާފައިވާ ގަވައިދަކުން. އެގޮތަށް ޖޫރިމަނާ ކުރަން ނިންމީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާގެ މަތިން،" ނާފިޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ބޯޓަށް ރާއްޖެއިން ފުރައިގެން ދެވޭނީ އެ ފައިސާ ނުވަތަ ރާއްޖޭގައި ހިންގާ ބޭންކެއްގެ ބޭންކް ގެރެންޓީއެއް ދިނުމުން ކަމަށެވެ. "އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވޭ ބޯޓުގެ ވެރިފަރާތުން އެސްބީއައި މެދުވެރިކޮށް އެ ގެރެންޓީ ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް. މިއަދު ނޫނީ މާދަމާ އެ ގެރެންޓީ ލިބޭނެ ކަމަށް ލަފާކުރެވެނީ. އެ ގެރެންޓީ ލިބުމާއެކު ބޯޓު ފުރުމުގެ ހުއްދަ ދޭނަން،" ނާފިޒު ވިދާޅުވި އެވެ. ނާފިޒު ވިދާޅުވީ ނުފުރި މާލޭ ބަނދަރުގައި އޮންނަ ކޮންމެ ދުވަހަކަށް ބޯޓުގެ ވެރިފަރާތަށް ވަރަށް ބޮޑު ގެއްލުމެއްވާނެތީ އެ އޮތޯރިޓީން ވެސް މަސައްކަތްކުރަނީ ވީހާ އަވަހަށް ފުރުވާލެވޭ ގޮތެއް ހަމަޖައްސައިދިނުމަށް ކަމަށެވެ. ބައެއްގެ އިހުމާލުން ރާއްޖޭގެ ފަރަށް އުޅަނދެއް އަރައިފި ނަމަ ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ ފުރުސަތު އޮވެ އެވެ. "ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު" ގައިވާ ގޮތުން، ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި ކޮޑިމީޓަރަކަށް 83،000ރ. އަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރެވެ އެވެ. ސިލްވަ ކޮމްޕެނީގެ އެޖެންޓްކަމުގެ ދަށުން ރާއްޖެ އައި، ލައިބީރިޔާގައި ރަޖިސްޓްރީކޮށްފައިވާ 27،000 ޓަނުގެ "އޮގަސްޓޯ ޝައުލްޓް" ފަރަށް އެރުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހިފަހައްޓައިފަ އެވެ. ކުރިން ހެންވޭރުކޮޅު ފަރަށް ދޭތެރެދޭތެރެއިން ބޯޓުތައް އުރެ އެވެ. އެކަމުން ސަލާމަތްވުމަށްޓަކައި ފަރު ސަރަހައްދު އަންގައިދޭ ގޮތަށް، ބޮކި ހަރުކޮށްފައި ހުންނަ ބޮއެއް ވެސް މީގެ އަހަރުތަކެއް ކުރިން ވަނީ އަޅައިފަ އެވެ. އެ ދުވަހު ފަރަށްއެރި ބޯޓު އޮތީ އެ ބޮޔާ ހަމަޖެހިގެންނެވެ. ސިލްވަ ކޮމްޕެނީގެ އެޖެންޓްކަމުގެ ދަށުން ރާއްޖެ އައި ބޯޓަކީ މިހާތަނަށް ހެންވޭރުކޮޅަށް އުރުނު އެންމެ ބޮޑު ބޯޓެވެ. ސިލްވަ ކޮމްޕެނީގެ އެޖެންޓްކަމުގައި 1997 ގައި ރާއްޖެ އަށް ދަތުރުކުރި 14،000 ޓަނުގެ ތޯމަސް ޑެލްމާސް އެ ސަރަހައްދަށް އުރި އަދި ފުންނުކުރެވި 20 ދުވަހު އޮތެވެ. އެފަހަރު އެ ބޯޓު 4.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ. އެންމެ ފަހުން ހެންވޭރުކޮޅަށް ބޯޓެއް ފަރަށް އެރީ ޖެނުއަރީ 3، 2006 ގަ އެވެ. ރާއްޖޭގެ ލިލީ ޝިޕިންގެ 12،000 ޓަނުގެ "ލިލީ ކްރައުން" އެ ދުވަހުގެ ރޭ ފަރަށް އެރިތާ ދެ ގަޑިއިރުގެ ތެރޭގައި ފުންކުރި އެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައި ވަނީ "އޮގަސްޓޯ ޝައުލްޓް" ފަރަށް އެރުމުގެ ޒިންމާ ބޯޓުގެ އެޖެންޓުން ނަގަން ޖެހޭނެ ކަމަށެވެ. ސްރީ ލަންކާ އިން ގިނަ އަދަދެއްގެ ކޮންޓޭނަރާ އެކު މާލެ އައި ބޯޓު ފަރަށް އެރީ، މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި، މާލޭ ބަނދަރަށް ވަނުމަށްޓަކައި ހުޅުލެ އާއި މާލެއާ ދެމެދުން ވަކި ހިސާބަކަށް ދަތުރުކުރުމަށް ފަހު، އައި ކޮޅަށް ކުއްލިއަކަށް އަނބުރާލަން އުޅުމުގެ ތެރޭގަ އެވެ. އޭރު އެމްޕީއެލްގެ ޕައިލެޓް ލޯންޗު އެ ހިސާބަކަށް ނުދެ އެވެ. ޕައިލެޓާ ނުލާ ބޭރުގެ އެއްވެސް އުޅަނދަކަށް އެގޮތަށް ބަނދަރަކަށް ނުވަދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ