ސިއްހީ ދާއިރާގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައި: ނައިބު ރައީސް

ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ. އައިޖީއެމްއެޗުގެ ހާލަތު ދެނެގަތުމަށް ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށް ފަހު ނައިބު ރައީސް ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގެ އެންމެ މުހިންމު އެއް ވައުދަކީ ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ބަޖެޓު ލިބުނުހާ އަވަހަކަށް، ސިއްހީ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށެވެ. ޕީޕީއެމްގެ މެނިފެސްޓޯގައި ސިއްހީ ދާއިރާ އަށް ކަނޑައެޅި ބައެއް ކަންކަން މިއަދުން ފެށިގެން ތަންފީޒުކުރަން ފަށައި، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކިޔޫގައި ނުޖެހި ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ހަމައެއާއެކު އާސަންދަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކުރެވޭނެ ނިޒާމެއް ހަމަޖައްސައިދިނުން. އެކަމުގެ އަމަލީ މަސައްކަތް މިހާރު އެބަ ހިނގާ. އަލަށް ލިބިގެންދާ ބަޖެޓާ އެކު އެ މަސައްކަތް ވެސް ފެށިގެން ކުރިއަށްދާނެ ކަމަށް އަޅުގަނޑުމެން އުއްމީދު މިކުރަނީ،" ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސިއްހީ ދާއިރާ އަށް ދިވެހި ނަރުހުންނާއި ޑޮކްޓަރުން ތަމްރީނުކުރުމަކީ ވެސް އެ ޕާޓީގެ ވައުދެކެވެ. އެހެންކަމުން އެކަން ވެސް ކުރިއަށް ގެންގޮސް، މާދަމާ 58 ނަރުހުން ހޯދުމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހޮސްޕިޓަލަށް ޖާގައިގެ ދަތިކަމާއި ވަސީލަތްތަކުގެ ދަތިކަން ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އެއީ ހައްލުކުރެވޭނެ ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ވިސްނުން މިހިރީ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިފަދަ އެހެން އެހެން ހޮސްޕިޓަލެއް މި ހިސާބުގައި ގާއިމްކުރުމަށް. އަޅުގަނޑުމެން މި ބަލަނީ އެއީ ހުޅުމާލޭގަިއ ހުރި ހޮސްޕިޓަލް ކަމަށް ވެގެންދާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ. ހުޅުމާލޭ ހޮސްޕިޓަލް ތަރައްގީކުރެވުމުން މިހާރު ދިމާވާ ޖާގައިގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ. ހޮސްޕިޓަލަށް ކުރެއްވި އެ ޒިޔާރަތުގައި އެތަނުގެ އިސް ވެރިންނާއި ބައްދަލުކުރައްވައި ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ