ހިތަދޫ މެދު ދާއިރާގެ އިންތިޚާބަށް ފައިސާގެ ނުފޫޒު ފޯރާފައިވޭ: ހިޔަލީގެ ވަކީލް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބަށް ފައިސާގެ ނުފޫޒު ފޯރާފައިވާ ކަމަށް، އެ އިންތިޚާބު ބާތިލް ކުރުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު (ހިޔަލީ)ގެ ވަކީލް މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ. ހިޔަލީ ރަޝީދުގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އެގޮތަށް ވިދާޅުވީ އެ އިންތިޚާބު ބާތިލް ކުރުމަށް ހިޔަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގައި ވަކީލް ވަހީދު ވިދާޅުވީ އެ އިންތިޚާބަށް ނުރަނގަޅު ނުފޫޒު ފޯރާފައިވާ ކަމަށާއި އެގޮތުން ރިޝްވަތު ދިނުމާއި ފައިސާ ދީގެން މީހުންގެ އައިޑީ ކާޑު ގަތުމުގެ ކަންތައްތަކެއް، އެ ދާއިރާ އަށް ވާދަކުރި އަނެއް ދެ ކެންޑިޑޭޓުގެ ފަރާތުން ހިންގާފައިވާ ކަމަށެވެ. އެހެންކަމުން އެއީ އެ އިންތިޚާބު ބާތިލްކުރަންޖެހޭ ކަމެއް ކަމަށްވާތީ އެ އިންތިޚާބު ބާތިލްކޮށް، އަލުން އެ ދާއިރާގެ އިންތިޚާބު ބޭއްވުމަށް އަމުރުކޮށްދިނުމަށް އެދޭ ކަމަށް އެ ދައުވާގައިވެ އެވެ. އެ ދައުވާގައި ބުނާ ކަންކަން ސާބިތުކޮށް ދިނުމަށް ވަހީދު ވަނީ 10 ހެކިވެރިއެއްގެ ނަން މިއަދު ޝަރީއަތަށް ހުށަހަޅައިފަ އެވެ. އަދި އެކަމާ ބެހޭ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ވެސް އެބައޮތް ކަމަށް ވިދާޅުވެ، އެ ރިޕޯޓު ވެސް ޝަރީއަތުން ހޯދައި ދިނުމަށް ވަހީދު އެދިވަޑައިގަތެވެ. އެފަދަ ރިޕޯޓެއް އޮތްކަން އެނގެނީ ކިހިނެއްތޯ ފަނޑިޔާރުގެ ބެންޗުން ސުވާލު ކުރެއްވުމުން ވަހީދު ވިދާޅުވީ އޭނާ އެދެނީ އެފަދަ ރިޕޯޓެއް އޮތިއްޔާ ކޯޓުން އެ ރިޕޯޓެއް ހޯދައި ދިނުމަށް ކަމަށެވެ. ދައުވާ ލިބޭ އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ހުސައިން ސިރާޖް ވިދާޅުވީ ދައުވާގައި ބުނާ ކަންތައްތަކަކީ ޖިނާއީ ކުށްތަކެއް ކަމަށާއި އެ ކަންކަމަކީ ވަކި އިޖްރައާތުތަކެއްގެ ތެރެ އިން ބަލަންޖެހޭ ކަންތައްތަކެއް ކަމަށެވެ. އަދި އެ ކަންކަން ބެލުމަށް ހުށަހެޅުމުގެ ފުރުސަތު ދައުވާކުރާ ފަރާތަށް ވެސް ލިބިގެންވާކަން ސިރާޖް ފާހަގަކުރެއްވި އެވެ. ސިރާޖް ވިދާޅުވީ ހެކިން ބުނާ ކަންތައްތަކާއި ދައުވާގެ ޚުލާސާ ދިމާނުވާ ކަމަށާއި ހެކިން ބުނެފައިވާ ވާހަކަތަކަކީ ވެސް މީހަކު ބުނި ބުނުމެއްގެ މައްޗަށް ބިނާކޮށް، ބުނެފައިވާ ވާހަކަތަކެއް ކަމަށެވެ. އެގޮތުން އެ ދާއިރާގެ ކެންޑިޑޭޓަކު މީހަކަށް މޮބައިލް ފޯނެއް ދިން ކަމަށް ހެކިވެރިއަކު ބަޔާން ދީފައިވާ އިރު އެ ފޯނަކީ އިންތިޚާބަށް ނުފޫޒު ފޯރުވަން ދީފައިވާ އެއްޗެއްކަން އެ ހެކިވެރިޔާ އަށް އެނގެނީ ކިހިނެއްތޯ ސިރާޖް ސުވާލު އުފެއްދެވި އެވެ. އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި ރިޓަޔަޑް ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ ވެސް ވަނީ އެ މައްސަލަ އަށް ތަދައްޚުލްވެފަ އެވެ. އިބްރާހިމް ދީދީގެ ވަކީލް މުހައްމަދު ފަރީދު ވެސް ވިދާޅުވީ ކެންޑިޑޭޓުން ރިޝްވަތު ދިން ކަމަށް ހެކިވެރިން ބުނާއިރު އެއީ ކޮން ބޭނުމަކު ދިން އެއްޗެއްކަން ސާފުނުވާ ކަމަށެވެ. އަދި އެ ހެކިވެރިންނަކީ އަދުލުވެރި ބައެއްކަން ކަށަވަރު ކުރުމަށްޓަކައި އެ މީހުންގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައިވޭތޯ ބެލުމަށް އޭނާ އެދިވަޑައިގަތެވެ. މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުވާކުރާ ހިޔަލީ ރަޝީދުގެ ވަކީލް، ވަހީދާ ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން ދައުވާގައި ބުނާ ކަންތައްތަކުގެ ޝަކުވާތައް އެހެން ފަރާތަކަށް ހުށަހެޅިންތޯ ސުވާލު ކުރެއްވުމުން އެ އަށް ސީދާ ޖަވާބު ދެއްވުމެއް ނެތި ފުރަތަމަ ވަހީދު ވިދާޅުވީ ޕާޓީން އެ ޝަކުވާ ހުށަނާޅާކަން ސާފުނުވާ ކަމަށެވެ. ނަމަވެސް އެ ސުވާލު ދެ ވަނަ ފަހަރަށް ތަކުރާރު ކުރެއްވުމުން ވަހީދު ވަނީ އެ ޝަކުވާ ހިޔަލީ ރަޝީދުގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށް އެއްބަސްވެފަ އެވެ. ދައުވާގައި ބުނެފައިނުވާ ކަންތައްތަކެއް ހެކިންގެ ބަޔާންތަކުގައި ހުރުމުން އެކަމާ މެދު ވެސް ބެންޗުން ވަނީ ސުވާލު އުފައްދައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ވަހީދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ މެދު އެ ފަރާތަށް އިތުބާރު ނުކުރެވޭ ކަމަށާއި ހުރިހާ ވާހަކަތައް ބަޔާންތަކުގައި ލިޔުމުން ކޮމިޝަނުން ހެކިވެރިންނަށް ނުފޫޒު ފޯރުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި އެ ހެކިވެރިން ހާޒިރުކޮށް ދިނުމަށް އޭނާ އެދިވަޑައިގަތެވެ. ބެންޗުން ވިދާޅުވީ މައްސަލަ ހުށަހަޅާއިރު ހެކިތައް ހުންނަންޖެހޭނީ ފުރިހަމަ ކޮށްފައި ކަމަށެވެ. ނަމަވެސް ހެކިން ހާޒިރުކުރުމާ މެދު ބެންޗުން މިއަދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. މިއަދުގެ އަޑުއެހުން ނިންމާލަމުން ބެންޗުން ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާނެ ވަކި ދުވަހެއް ބެންޗުން ވިދާޅެއް ނުވެއެވެ. އެ ބެންޗުގެ ރިއާސަތު ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ބަލަހައްޓަވާއިރު ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ