މާފަރު ސްކޫލް ހުޅުވުމަށް ކޮމިޓީގެ މެމްބަރުން އެދިވަޑައިގެންފި
އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ބުނެ ނ. މާފަރު ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެ ރަށުގެ ސްކޫލް ބަންދުކޮށްފައި ހުރުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި މުޒާހަރާ ކުރި ނަމަވެސް ސްކޫލްގެ ކިޔެވުން އަވަހަށް ފެށުމަށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މެމްބަރުން މިއަދު އެދިވަޑައިގެންފި އެވެ. މާފަރުގެ މައްސަލަ ބަލަމުންދާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެމްބަރުން އެ ރަށުގެ ސްކޫލް ހުޅުވުމަށް އެދިވަޑައިގަތީ، މާފަރުގެ ކައުންސިލާ އެކު މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ސޯލިހް ވެސް ވިދާޅުވީ ރައްޔިތުން ކުރަމުންދަނީ ހައްގު އިހްތިޖާޖެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި މުޒާހަރާ ކުރިއަށް ގެންދިޔަސް، ސްކޫލްގެ ކިޔެވުން ފެށުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ސްކޫލް ހުޅުވި ނަމަވެސް، މާފަރު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށްޓަކައި ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. ދިރާސީ އާ އަހަރުގެ ކިޔަވުން ފެށިތާ ހަފުތާއެއް ވެފައިވާއިރު، 200 ދަރިވަރުން ކިޔަވަމުން އަންނަ މާފަރު ސްކޫލް ކިޔެވުން ފަށާފައިނުވާތީ އާއި އެ ސްކޫލްގެ ހާލަތާ މެދު ތިމަރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ޝަރީފު ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި ކިޔެވުން ފެށުމަށް އޭނާ ވެސް އެދިވަޑައިގެންނެވި އެވެ. މާފަރު ސްކޫލުގެ ހާލަތާ މެދު އެ ރަށުގެ ކައުންސިލް މެމްބަރުންނާ ސުވާލު ކުރެއްވުމަށް ފަހު، ކުރިން ޕްރިންސިޕަލްކަން ވެސް ކުރެއްވި ޝަރީފު ވިދާޅުވީ "ސްކޫލެއްގައި ހުންނަންޖެހޭ އަސާސީ ހިދުމަތްތައް މާފަރު ސްކޫލްގައި ނެތް" ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ ހާލަތު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މާފަރު ކައުންސިލްގެ މެމްބަރު އަންވަރު އަބްދުލްޣަނީ ވިދާޅުވީ ސްކޫލް ބަންދުކޮށްފައި ބެހެއްޓުމަކީ އެ ރަށުގެ ރައްޔިތުން ވެސް އެންމެ އެދޭ ގޮތް ނޫން ކަމަށާއި ނަމަވެސް ސްކޫލް ހުޅުވާއިރު، އެ ސްކޫލްގެ ހާލަތު ވެސް ރަނގަޅު ކުރެވޭނެ ގޮތްތަކެއް ފެންނަން ޖެހޭ ކަމަށެވެ. މިހާރު މާފަރު ސްކޫލުގައި އަސާސީ ހިދުމަތްތައް ފުރިހަމަ ނުވާއިރު، ކުނިއަޅާ ސަރަހައްދު ސްކޫލާ ކައިރިވުމުން ބައެއް ފަހަރު ކިޔަވައިދިނުމަށް އުނދަގޫވާ ކަމަށް އަންވަރު ވިދާޅުވި އެވެ. އަދި ސްކޫލްގެ އަނެއް ފަރާތުން ބޯޅަދަނޑު އޮތުމުން ސްކޫލަށް ގެއްލުންތައް ލިބި ކިޔަވައިދިނުމަށް އުނދަގޫވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮމިޓީގެ މުގައްރިރު އަލީ ވަހީދު ވެސް ވިދާޅުވީ ކިޔެވުން ފެށެންވާނެ ކަމަށާއި މާފަރު މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމާއިރު، ސްކޫލް ބަންދުކޮށްފައި ބެހެއްޓުމަށް ހިތްވަރު ލިބޭ ގޮތަށް ކަމެއް ނުނިންމޭނެ ކަމަށެވެ. މާފަރު ސްކޫލް މައްސަލައިގެ އިތުރުން އެ ރަށުގެ ސިއްހީ މަރުކަޒުގައި ވެސް އަސާސީ ސިއްހީ ހިދުމަތް ވެސް ދެވޭނެ ވަސީލަތްތަކާއި ބޭސް ވެސް ނެތް ކަމަށާއި ރަށުގެ ތިމާވެށި ހަލާކުވެ، އެކަމުގެ ގެއްލުން ވަރަށް ބޮޑުވަމުންދާ ކަމަށް ވެސް އެ ރަށުގެ ކައުންސިލް މެމްބަރުން މިއަދު ވިދާޅުވި އެވެ. އަދި އެކަންކަމާ ކޮމިޓީގެ މެމްބަރުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. މާފަރު ކައުންސިލްގެ މެމްބަރުން ވިދާޅުވީ އެރަށުގެ ރައްޔިތުން މިދިޔަ ޑިސެމްބަރު މަހުގެ 30 ގައި މުޒާހަރާ ފަށާފައިވާއިރު، މިހާތަނަށް ސަރުކާރުން އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާ ކަމަށާއި އެކަމަށް އިޖާބަ ލިބުމުން މުޒާހަރާ ހުއްޓާލުމަށް ވިސްނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ