ކައުންސިލަރަކު އިސްތިއުފާ ދިނަސް ބައި އިލެކްޝަން ބާއްވަން ލާޒިމް ނުވާ ގޮތަށް ގާނޫނަށް އިސްލާހް ހުށަހަޅައިފި

ދައުރު ހަމަވުމުގެ ކުރިން ކައުންސިލަރަކު އިސްތިއުފާ ދިން ނަމަވެސް ކައުންސިލްގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދަށް ކައުުންސިލްގައި މެމްބަރުން ތިބެއްޖެނަމަ ބައި އިލެކްޝަނެއް ބާއްވަން ލާޒިމް ނުވާނެ ކަމަށް ކަނޑައަޅަން ލޯކަލް ކައުންސިލްތަކާ ބެހޭ ގާނޫނަށް އިސްލާހް ހުށަހަޅައިފި އެވެ. ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު، މުހައްމަދު ވަހީދު އިބްރާހިމް ވަނީ މި އިސްލާހާއެކު މި ގާނޫނަށް އެހެން ބައެއް އިސްލާހްތައް ވެސް ހުށަހަޅާފަ އެވެ. ލޯކަލް ކައުންސިލްތަކާ ބެހޭ ގާނޫނުގެ 16 ވަނަ މާއްދާގައި ބުނެފައި ވަނީ ކައުންސިލުން މެމްބަރަކު ވަކި ވެއްޖެ ނަމަ 45 ދުވަސް ތެރޭގައި އެ ވަކިވި މެމްބަރުގެ ބަދަލުގައި މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަން ބާއްވަންވާނެ ކަމަށެވެ. ކައުންސިލްތަކުގެ މައްސޫލިއްޔަތު އަދާކުރަމުން ނުދާ ނަމަ އެ މައްސަލަތައް ބެލުމަށް "އިންކުއަރީ"އެއް އުފެއްދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކަށް ލިބިގެންވާ ކަމަށް ކަނޑައެޅުމަށް އެ ގާނޫނުގެ 65 ވަނަ މާއްދާއަށް ވެސް އިސްލާހެއް ހުށަހަޅާފައިވެ އެވެ. އެ އިންކުއަރީ ހަދަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ ބޯޑުން އައްޔަންކުރާ ބައެއް ކަމަށް ބުނެފައިވާއިރު ކައުންސިލްތަކާ މެދު އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ކައުންސިލަށް އޮތްތޯ ބެލުމަށް ވޯޓަކަށް ދިއުމަށް ނިންމިދާނެ ކަމަށް ބުނެފައިވެ އެވެ. އަދި ސަރުކާރުން ހިންގާ ވަކި ޕްރޮޖެކްޓަކަށް ޕްރޮޖެކްޓް މެނޭޖަރެއް ކަނޑައެޅުމުގެ ބާރުވެސް އެ އިންކުއަރީ ކޮމެޓީއަށް ލިބިގެންވާ ކަމަށް ބުނެފައިވެ އެވެ. ހަމަ އެހެންމެ ކައުންސިރުން ނުވަތަ ކައުންސިލެއް ސަސްޕެންޑް ކުރުމުގެ ބާރުވެސް އެ ކޮމެޓީއަށް ލިބިގެންވާ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ. ލޯކަލް ކައުންސިލް ގާނޫނުގެ 65 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ކައުންސިލްތަކުގެ މައްސޫލިއްޔަތުތަކާއި ވާޖިބުތައް އަދާނުކުރެވޭ ނަމަ އެ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީއަށެވެ. އަދި ކައުންސިލެއް އުވާލަން ފެނިއްޖެ ނަމަ ހުށަހަޅަން ޖެހެނީ ހައި ކޯޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ