ނަޝީދުގެ ޝަރީއަތް މާދަމާ ހަވީރު 4:00 ބާއްވަން ނިންމައިފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ސަރުކާރުގެ ބައެއް އިސްވެރިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ ހަވީރު ބާއްވަން ތާވަލް ކޮށްފި އެވެ. ނަޝީދުގެ އިތުރުން އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ، މިހާރުގެ ޑިފެންސް މިނިސްޓަރު އަދި އޭރު ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރަކަށް އޭރު ހުންނެވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު އަދި ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ. މާލެ، ފެބްރުއަރީ 22، 2015: މާލެ: ފެބްރުއަރީ 22، 2015: ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި ފުލުހުން ނަޝީދު ދޫނިދޫ އަށް ގެންދަނީ.-- ހަވީރު ފޮޓޯ: ނިޝާން އަލީ މާދަމާ ހަވީރު 4.00 ގައި ބާއްވާ އެ ޝަރީއަތް ކުރިއަށް ދާނީ ކިހިނެތް ކަމެއް ކްރިމިނަލް ކޯޓުން އަދި ނުބުނެ އެވެ. ނަމަވެސް އެ މައްސަލަ ބެލުމަށް ބެންޗެއް އެކުލަވާލަފައި ނުވާ އިރު، އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަނީ މިއަދު ޗުއްޓީ ނަންގަވާފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމާ އެކު، ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރުފަހު ވަނީ ނަޝީދު ހައްޔަރުކޮށްފަ އެވެ. އެ އަމުރުގައިވާ ގޮތުން، އެ މަނިކުފާނު ހައްޔަރުކުރީ ޝަރީއަތަށް ވަޑައިނުގަންނަވާނެ ކަމުގެ ބިރު އޮތުމުންނެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި އަލުން ދައުވާ ކޮށްފައި މިވަނީ، ކުށްނުކުރާ މީހަކު ގާނޫނާއި ހިލާފަށް ހިފާ ހައްޔަރުކުރި ކަމަށް ބުނެ ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި އުފުލި ދައުވާ އަނބުރާ ގެންދިއުމަށް ފަހު އެވެ. ނަޝީދުގެ އިތުރުން، ޓެރަރިޒަމްގެ ދައުވާކޮށްފައިވާ އެހެން ބޭފުޅުން ވެސް ހިމެނުނު އެ މައްސަލަ އަނބުރާ ގެންދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ