އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރި ހަނދާނެއް ނެތް: އަތީފް

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ފުލުސް އޮފީހުގެ ކުރީގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމާ ގުޅޭ ގޮތުން ވާހަކައެއް ދެއްކިކަން މިހާރު ހަނދާނުގައި ނެތް ކަމަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް އަތީފް މިއަދު ވިދާޅުވެއްޖެ އެވެ. އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެއްވަމުން އަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރިކަން ވެސް އެނގިވަޑައިގެންނެވީ ގާޒީ ގިރިފުއްޓަށް ގެންދިޔަ ފަހުން ކަމަށެވެ. ރައީސް އޮފީހުގައި ފުލުހުންގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރި ހަނދާންވޭތޯ ދައުލަތުގެ ވަކީލު އެއްސެވުމުން އަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ބެހޭ ވާހަކައެއް ދައްކާފައިވާކަން މިހާރު ހަނދާން ނެތް ކަމަށެވެ. އަދި ޖެނުއަރީ 16، 2012 ގައި އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ކުރިން އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ހަނދާން ނެތް ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދު ސަރުކާރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި (މ) ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާ (ވ) އެކު އަތީފް (ކ) ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގެ ހަނދާނެއް އަތީފްގެ ނެތް--ހަވީރު ފައިލް ފޮޓޯ އޭގެ އިތުރުން އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅޭ ގޮތުން އެއްވެސް ތަނަކަށް ބަޔާނެއް ދިނިންތޯ ދައުލަތުން އެހުމުން އަތީފް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ބަޔާނެއް ދިން ހަނދާން ނުވާ ކަމަށެވެ. ތޮލްހަތުގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އަތީފުގެ ހެކިބަސް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ނެގީ ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކޮށްގެންނެވެ. ތޮލްހަތުގެ ފަރާތުން އަތީފަށް މިއަދު އެއްވެސް ސުވާލެއް ކުރިމަތިކޮށްފައެއްނުވެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އެ މަނިކުފާނު 13 އަހަރަށް ޖަލަން ލުމަށް މި މަހުގެ 13 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ