ގެއްލިގެން ހޯދާ ދޯނި އޮންނާނެ ހިސާބެއް އަންދާޒާކުރަން ވެސް ދަތި: އެމްއެންޑީއެފް

ކ. ކާށިދޫން މަހަށް ނުކުމެ އުޅެނިކޮށް މަސް ދޯންޏެއް ގެއްލިފައި ވާއިރު އެ ދޯނި ގެއްލުނުކަން މާލަހުން ރިޕޯޓްކޮށްފައި ވާތީ އެ ދޯނި ވީ ހިސާބެއް އަންދާޒާކުރަން ވެސް ދަތި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. "އާމިރާލް" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް ހޯމަ ދުވަހަށް ފަހު އެ ދޯނީގެ ހަބަރެއް ނުވާ ކަމަށް ވެރި ފަރާތުން އަންގާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. "ގެއްލުނީ ހޯމަ ދުވަހު. އެކަމަކު ރިޕޯޓްކުރީ ރޭގައި. އެހާ ދުވަސްވެގެން ދިޔަ އިރު ނާންގާ މަޑުކުރުމަކީ ވަރަށް ދެރަ ކަމެއް. ދޯނި ވީ ހިސާބެއް އަންދާޒާކުރަން ވެސް އޭގެ ސަބަބުން ދަތިވާނެ،" އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވި އެވެ. ބާރަ މީހުންނާ އެކު މަހަށް ނުކުމެ އުޅުނު 68 ފޫޓުގެ މި ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައި ވަނީ ހޯމަ ދުވަހު ކަމަށްވެ އެވެ. އޭރު އެ ދޯނި ދިޔައީ ވ. އަތޮޅުގެ ތެރެއިން ދަތުރުކުރަމުން ކަމަށް ވެސް ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ. "ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކުގައި ހަބަރެއް ނުވެގެން އުޅަނދުފަހަރު ހޯދަންފަށާތާ، ދެ ދުވަހެއްގެ ތެރޭގައި އަންނަނީ އާންމުކޮށް ފެންނަމުން. އަދި ގިނަ ފަހަރަށް މިފަދަ ހާދިސާތައް ދިމާވެފައި ހުންނަނީ، ދޯނީގެ މުއާސަލާތީ ނިޒާމަކަށް ކޮންމެވެސް މައްސަލައެއް ދިމާވެގެންކަން ފާހަގަކުރެވޭ،" އެމްއެންޑީއެފްގެ ވެބްސައިޓުގައިވެ އެވެ. އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ދޯނި ހޯދުމަށް ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ އިރު މި ދޯންޏާ ބެހޭ މައުލޫމާތު ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ