ސުޕްރީމް ކޯޓުގެ ހުކުމުން ބޯޑާ ކޮންޓްރޯލް އެއްބަސްވުމުގެ ސައްހަކަމަށް އަސަރުކުރާނެ: އާޒިމާ

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރާ ހުކުމުގެ ސަބަބުން އެ މަޝްރޫއުގެ އެއްބަސްވުމާމެދު ކުރެވޭ ސުވާލަށް އަސަރުކުރާނެ ކަމަށް ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ. ބޯޑާ ކޮންޓްރޯލް މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބެލި މައްސަލައިގައި އެ ކޮމެޓީން ސާފުކުރަން އެދުނު ބައެއް މައުލޫމާތުތަކަށް އާޒިމާ ފޮނުއްވި ޖަވާބުގައި ވިދާޅުވެފައި ވަނީ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ސޮއިނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް ކަމަށާއި އޭސީސީގެ އެ އެންގުމަށް އަމަލުކުރަންޖެހޭނެތޯ ނުވަތަ ނޫންތޯ ހުކުމުން ކަނޑައެޅޭނެ ކަމަށެވެ. އާޒިމާ ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ކުރާ ހުކުމުން، އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލަށް އަސަރުކުރާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. ބޯޑާ ކޮންޓްރޯލް އެއްބަސްވުން ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައި ވާއިރު އެ އެއްބަސްވުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިނުކުރަން އޭސީސީން އެންގި އެންގުމަށް އިމިގްރޭޝަނުން އަމަލުކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ