ދިވެހި ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ހިފެހެއްޓުމަށްޓަކައި އެންމެން އަތުގުޅާލައި އާބަސް ބުނުމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފި އެވެ.
ގާސިމް އިބްރާހީމް މިކަމަށް އިލްތިމާސްކުރެއްވީ "އައު ހިތްވަރަކާއެކު އަތުގުޅާލުން" ގެ ނަމުގައި ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ އެންމެން އަތުގުޅާލައިގެން މުސްތަގުބަލަށް ނިކުމެވޭތީ މިރެއަކީ ވަރަށް އުފާވެރި ރެއެއް ކަމަށާއި، ގައުމަށް އުޖާލާ މުސްތަގުބަލެއް ގެނެވެން އޮތީ އެންމެން އަތުގުޅާލައިގެން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ކަންކަމުގައި ވާދަވެރިކަން އޮންނަންވާނީ ހަލާކަށް މަގުފަހިވާ ގޮތަށްވުރެ ބޮޑަށް ކަންކަމުގައި ފައިދާއާ މަންފާ ލިބޭ ގޮތަށް ކަމަށާއި، މާޒީން އިބްރަތް ލިބިގަނެގެން މުސްތަގުބަލް އުޖާލާ ކުރަންޖެހިފައިވާ ކަމަށެވެ.
ދިވެހި ގައުމުގެ އާރާސްތުކޮށް މުސްތަގުބަލް އުޖާލާކުރެވޭނީ އެންމެން އަތުގުލާއިގެން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގާސިމް އިބްރާހީމް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބަކުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ބޭފުޅަކާއެކު ގައުމު އާރާސްތުކޮށް ގައުމުގެ މުސްތަގުބަލް އުޖާލާކުރުމަށްޓަކައި އަތުގުޅާލައިގެން މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހީމާ ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއާ ބައްދަލުކުރެއްވީ ނޮވެމްބަރު 11ގެ ފަހުން ގައުމުގައި އިންތިހާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ނެތި ގައުމުގައި ހިނގާފާނެ ހަމަނުޖެހުމަކުން ގައުމު ސަލާމަތް ކުރުމަށް ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ނޮވެމްބަރު 11އަށް އިންތިހާބު ކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާއަކު ހުންނެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އެކަން ނުކުރެއްވެނީސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ގާނޫނީ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ.
ނޮވެމްބަރު 11 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ނުކުރެވިއްޖެނަމަ ދިމާވެދާނެ މައްސަލަތަކަށް ހައްލެއް ހޯއްދަވައިދެއްވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވި ފަދައިން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދިވަޑައިގެން ސިޓީއެއް ސުޕްރީމް ކޯޓަށް ފޮނުއްވައިދެއްވުމަށްވެސް ގާސިމް އިބްރާހީމް ވަނީ ރައީސް ވަހީދަށް އިލްތިމާސްކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމެއްގައި ނޮވެމްބަރު 11 އަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ނުކުރެވިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރެވެންދެން ރައީސް ވަހީދަށް މަގާމުގައި ދެމި ހުންނެވޭނެ ކަމަށް ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރެވެންދެން ރައީސް ވަހީދު މަގާމުގައި ދެމިހުންނެވުމަށް ޖުމްހޫރީ ޕާޓީން އެދޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްދާތީ އެކަމަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދަޅުވީ އިލެކްޝަންސް ކޮމިޝަނުންނާއި އާންމު ރައްޔިތުންވެސް އެބައެއްގެ ޒިންމާ ތެދުވެރިކަމާ އިހްލާސްތެރިކަމާއެކު އަދާކުރަންޖެހޭ ކަމަށާއި، އެއްވެސް މީހެއްގެ ހައްގަށް އުނިކަން އަންނަފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
ގާސިމް އިބްރާހީމް މިރޭ އިތުރަށް ވިދާޅުވީ ފަނާކުރަނިވި ވިސްނުންތަކުން ދުރަށް ގޮސް ބިނާކުރަނިވި ވިސްނުންތަކާއެކު ގައުމު ބިނާކޮށް އާރާސްތުކުރަންޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށް ހުރިހާ ފަރާތަކުން އާ ހިތްވަރަކާއެކު އަތުގުޅާލުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
މުސްތަގުބަލް އުޖާލާކުރެވޭނީ އެންމެން އަތުގުޅާލައިގެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ