ހާމިދުއާ މެދު އަމަލުކުރާނެ ގޮތެއްގެ ލަފަޔަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ކްރިމިނަލް ކޯޓުން ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ކޯޓަށް ހާޒިރުވެވަޑައިނުގެން މަޖިލީހުގައި ދިރިއުޅުއްވަމުން ގެންދަވާ މައްސަލައިގަ ރިޔާސަތުން ގޮތެއް ނިންމަންޖެހޭ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މަޖިލީހުގެ ރައީސް ޝާހިދުގެ ސަމާލުކަމަށް މިކަން ގެނެސްފައި މިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ކުރިއަށް ގެންދާ މިއަދުގެ ޖަލްސާއަށް ހާމިދު ހާޒިރުވެ އިންނެވުމާއި ގުޅިގެންނެވެ.
ނިޒާމީ މައްސަލަ ނަންގަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބް ވިދާޅުވީ ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ހުންނެވި މެންބަރަކު މަޖިލީހުގައި އެބަ އިންނެވި ކަމަށާއި އެހެންވީމަ އެފަދަ މެންބަރަކު އިންނަވަނިކޮށް ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ބަހުސްގައާއި ވޯޓުގައި އެފަދަ މެންބަރަކަށް ބައިވެރި ނުވެވޭނެ ކަމަށްވެސް މުއްތަލިބް ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ ސްޕްރީމް ކޯޓަކީ އެންމެ ފަހުގެ ނިންމުން ނިންމާ ތަން ކަމަށްވާއިރު ކޯޓުގެ ހުކުމްގައި މެންބަރުން އަމަލު ކުރައްވަން ޖެހޭ ގޮތް ވަރަށް ރަގަޅަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި މެންބަރު ހާމިދު ކޯޓަށް ވަޑައިނުގެން މަޖިލީހުގައި ދިރިއުޅުއްވާއިރު މިމިމައްސަލައިގައި މަޖިލީހުގެ ރައީސް ގޮތެއް ނިންމަވަންޖެހޭ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓުތަކުގެ ގާނޫނާއި ހިލާފަށް މަޖިލީހުގެ ރައީސް އަމަލު ކުރައްވާ ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ.
" މިއަދު ތިބޭފުޅުން މިގޮތަށް އަމަލުކުރައްވާނަމަ މާދަމާ ތިބޭފުޅުންވެސް ކުށްވެރިވާނެ. ތިޔަބޭފުޅުންގެ މައްސަލަވެސް ބެލޭނެ. މަޖިލީހުގެ ގަވައިދުގެ ވާހަކަ ދައްކަވާއިރު ކޯޓުތަކުގެ ގާނޫނުގައިވެސް ބުނޭ އެފަދަ މެންބަރަކަށް މަޖިލީހުގައި ނީދެވޭނެ ކަމަށް" ރިޔާޒް ވިދާޅުވިއެވެ.
މެންބަރުންގެ ނިޒާމީ މައްސަލަތަކާއި ގުޅިގެން ޝާހިދު ވިދާޅުވީ ރިޔާޒު ދެއްކެވީ މުޅިންވެސް ހަގީގަތާއި ޚިލާފް ވާހަކަތަކެއް ކަމަށެވެ. އަދި މަޖިލީހުގެ ތެރޭގައި ހުންނެވި މެންބަރު ހާމިދާއި މެދު އަމަލުކުރާނެ ގޮތެއްގެ ލަފާ ހޯދުމަށް އުއްތަމަފަނޑިޔާރުގެ އަރިހުގައި ދަންނަވާފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ހާމިދު މަޖިލީސް ތެރޭގައި އިންނަވާ މައްސަލައިގައި އުއްތަމަފަނޑިޔާރުގެ ލަފާފުޅަކަށް އެދިވަޑައިގަތުމާއެކު އަލަށް އިންތިހާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރީންނާ އެކު ވެސް އެމައްސަލައިގައޮ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އިތުރަށް ޝާހިދު ވިދާޅުވީ މަޖިލީހުގެ ކޮންމެ މެންބަރެއްގެ އިމްތިޔާޒުތައްވެސް އެމަނިކުފާނު ރައްކާތެރިކޮށްދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ