ފަލަސްތީނުގެ ކުރިމަގާ މެދު ހުސް ސުވާލު، ޔަގީންކަމެއް ނެތް!

ރާމަﷲ (ސެޕްޓެމްބަރު 25) - މިނިވަން ދައުލަތެއްގެ ދަރަޖަ ހޯދަން ފަލަސްތީނުން އދ. އަށް ހުށަހެޅުމާ އެކު ފަލަސްތީނު ރައްޔިތުންނަށް ވަނީ ވަރަށް ބޮޑު އުފާވެރި ކަމެއް ލިބިފަ އެވެ. އެކަމަކު މި އުފާވެރިކަމުގެ ފަހަތުގައި އެއްވެސް ޔަގީންކަމެއް ނެތެވެ. ހުރީ ބޮޑެތި، އުނދަގޫ ސުވާލުތަކެކެވެ. އިޒްރޭލާއި ފަލަސްތީނުގެ ސުލްހަޔަށް މަސައްކަތްކުރާ ފަރާތްތަކަށް މިހާރު މަޖުބޫރު ވެފައި ވަނީ ސުލްހައިގެ އާ ޕްލޭނެއް ހުށަހެޅުމަށެވެ. އެކަމަކު އެ ހުށަހެޅުމުގައި ވެސް އިޒްރޭލާއި ފަލަސްތީނުން އެއް ބަޔަކު އަނެއް ބަޔަކަށް ކުރިމަތިކުރާ ޝަރުތުތައް ހިމަނައިފައެއް ނުވެ އެވެ. ފަލަސްތީނަށް ބަލާއިރު ހުޅަނގު އައްސޭރީގައި ދިޔައީ ފަލަސްތީނުގެ ހުށަހެޅުމާ ގުޅިގެން ވަރަށް ބޮޑަށް އުފާ ފާޅުކުރަމުންނެވެ. އެކަމަކު ވެރިކަންކުރާ ފަތަހަ ޖަމާއަތާ ވާދަވެރި ހަމާސްގެ ބާރުގެ ދަށުގައި އޮންނަ ގާޒާ އިން ފެނިގެން ދިޔައީ ހިމޭން ކަމެވެ. އދ. މެދުވެރިކޮށްގެން މިނިވަން ދައުލަތަކަށް ވާން ރައީސް އައްބާސް ހުށަހެޅުއްވިޔަސް ހަމާސްގެ ތާއީދެއް އެކަމަކަށް ނެތެވެ. ހުޅަނގު އައްސޭރީގެ އުފަލާއި ގާޒާގެ ހިމޭންކަމުން ދިޔައީ ސުލްހައިގެ މަސައްކަތާ ގުޅިގެން ފަލަސްތީނުގެ ބައިބައި ވެފައިވާ މިންވަރެވެ. ސިޔާސީ ފިކުރުގެ ބޮޑު ތަފާތެވެ. ރައީސް އައްބާސް އދ.ގައި ތަގުރީރުކުރެއްވި ގަޑިއާ ދިމާކޮށް ހުޅަނގު އައްސޭރީގައި އުފާ ފާޅުކުރަމުން ދިޔައީ ސުލްހައިގެ މަސައްކަތުގައި މީގެ ކުރިން ކުރިމަތިވެފައިވާ ނާކާމިޔާބީތަކާއި ގޮންޖެހުންތައް ވެސް ހަނދާން ނައްތާލައިފަ އެވެ. ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އދ. އިން ބަލައިގަތުމަށް އައްބާސް އެދިވަޑައިގަތުމާ އެކު، ހުޅަނގު އައްސޭރީގައި ޖަމާވެފައިވާ އެތައް ހާސް ބަޔަކު ވަނީ ލެޔާއި ފުރާނައިން ފަލަސްތީނު ދިފާއުކޮށްދޭނެ ކަމަށް ހަރު އަޑުން ގޮވައިފަ އެވެ. އެކަމަކު އެ ފޯރި މަޑުމަޑުން ކެނޑެމުން އަންނައިރު ދެން ކުރިމަތިވާނެ ސުވާލުތަކަށް ފަލަސްތީނުން ތައްޔާރުވާން އެބަޖެހެ އެވެ. މެދުއިރުމަތީގެ ސުލްހަޔަށް މަސައްކަތްކުރާ ކުއާޓެޓް - އެމެރިކާ، ޔޫރަޕްގެ އިއްތިހާދު، އދ. އަދި ރަޝިއާ އިން ވަނީ އައްބާސްގެ ތަގުރީރުގެ ކުޑަ އިރުކޮޅެއް ފަހުން އާ ގޮތަކަށް ހުށަހެޅުމެއް ކުރިމަތިކޮށްފަ އެވެ. ކުއާޓެޓުން ހުށަހަޅަނީ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އިޒްރޭލާއި ފަލަސްތީނާ ދެމެދު އަލުން ސުލްހައިގެ ވާހަކަތައް ފެށުމަށާއި 2012 ވަނަ އަހަރު ނިމުމުގެ ކުރިން ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށެވެ. އެކަމަކު އިޒްރޭލުން ޔަހޫދީންނަށް ގެދޮރު ބިނާކޮށްދިނުން ހުއްޓާލަން ޝަރުތުކޮށްފައެއް ނުވެ އެވެ. އެކަމަކު ފަލަސްތީނުން އަބަދުވެސް ބުނަމުން ދަނީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އެއްބަސްވުންތަކާ ހިލާފަށް އިޒްރޭލުން ކުރާ އެ މަސައްކަތް ހުއްޓާނުލަނީސް ސުލްހައިގެ ވާހަކަތަކަށް އެނބުރި ނުދާނެ ކަމަށެވެ. އަނެއްކޮޅުން އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިމް ނަތަންޔާހޫ ވަނީ އެ ހުށަހެޅުމާ މެދު އަދި ވަކި އެއްޗެއް ވިދާޅުވެވެން ނެތް ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ސަރުކާރުން ޖަވާބެއް ދޭނެ ކަމަށް ބުނެފަ އެވެ. "ސުލްހައިގެ ސީދާ ވާހަކަތައް އެއްވެސް ޝަރުތަކާ ނުލައި ފަށަން ކުއާޓެޓުން ހުށަހަޅާ ނަމަ އެއީ މުހިންމު ކަމެއް،" ޗެނަލް 10 އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވި އެވެ. އެކަމަކު އަންނަ އަހަރުގެ ނިޔަލަށް އެއްބަސްވުމެއް ގާއިމުވެދާނެތޯ އެހުމުން ސީދާ ޖަވާބެއް ނުދެއްވި އެވެ. ވިދާޅުވީ ސުލްހަ ބޭނުންވެގެން މަސައްކަތްކުރާ ނަމަ އެކަން ވާނެ ކަމަށާއި އެކަމަކު އެހެން މަގްސަދެއްގައި ވާހަކަ ދައްކާ ނަމަ ސުލްހައެއް ނުހޯދޭނެ ކަމަށެވެ. އިޒްރޭލުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޑެނީ އަޔަލޮން އިޒްރޭލު ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުއާޓެޓްގެ ހުށަހެޅުމަކީ "މަތިވެރި އެއްޗެއް" ނޫން ކަމަށެވެ. ސުލްހައިގެ ވާހަކަތައް ފެށުމަށް ހުށަހަޅާފައި ވާއިރު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ބޭނުންފުޅު ވަނީ އިޒްރޭލާއި ފަލަސްތީނާ ދެމެދު 1994 ވަނަ އަހަރު ގާއިމުކޮށްފައިވާ އިގްތިސާދީ ކަންކަމާ ބެހޭ އެއްބަސްވުމަށް ބަދަލު ގެންނާށެވެ. އައްބާސް ވިދާޅުވީ އެއީ ފަލަސްތީނުގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅޭ އެއްޗެއް ކަމަށާއި އިންސާފުވެރި އެއްބަސްވުމެއް ނޫން ކަމަށެވެ. އައްބާސް ވިދާޅުވީ އދ. އަށް ފޮނުވި ހުށަހެޅުމަށް ހަމާސް އިން ދެކޮޅު ހެދި ކަމުގައި ވިޔަސް ޖުމުލަ ގޮތެއްގައި ބަލާއިރު ހަމާސްގެ ތާއީދު ވެސް އެބަ އޮތް ކަމަށެވެ. އަދި ދެކޮޅު ހަދަމުން ދަނީ ހަމާސްގެ ބައެއް އޮފިޝަލުން ކަމަށް ވިދާޅުވި އެވެ. އަދި ހިޔާލު އެއްގޮތްކުރުމަށް ހަމާސްއާ ވާހަކަ ދައްކަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. ގާޒާގައި ހަމާސްގެ ބާރު އޮތް ނަމަވެސް އެ ތަނުގައި ވެސް ބައެއް މީހުން ދަނީ އައްބާސް ދެއްވި ތަގުރީރަށް ތާއީދުކުރަމުންނެވެ. އެކަމަކު ފަލަސްތީނުގެ އެތެރެ އާއި ބޭރުން ވެސް ހަމަ ނުޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަން އެބަ އެނގެ އެވެ. އެ މައްސަލަތައް ހައްލުކޮށްގެން ނޫނީ ފަލަސްތީނަށް ހަމަޖެހިލެވެން ނެތްއިރު މިނިވަން ދައުލަތަކަށް ހިޔަނި އަޅަނީ އެ މައްސަލަތެވެ. ހިލާފްތަކެވެ. އެހެންވެ އަދިވެސް ހުރީ ޖަވާބު ނުލިބޭ ސުވާލުތަކެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ