ޕީޖީއެއް ނެތުމުން ޖިނާއީ މައްސަލަތަކާ މެދު ހަދާނެ ގޮތެއް ކްރިމިނަލް ކޯޓުން ނިންމަނީ
ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުގައި މިވަގުތު އެއްވެސް ބޭފުޅަކު ނެތުމުން، ޖިނާއީ މައްސަލަތަކާ މެދު ކަންތައް ކުރާނެ ގޮތެއް ކްރިމިނަލް ކޯޓުން މިއަދު ނިންމާނެކަން "ހަވީރަ"ށް އެނގިއްޖެ އެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒު، ނޮވެމްބަރު 25 ގައި އިސްތިއުފާ ދެއްވި ފަހުން އެ މަގާމު ހުހަށް އޮންނަތާ އިއްޔެ އަށް ވަނީ 30 ދުވަސް ހަމަވެފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގައިވާ ގޮތުން، އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި މީހަކު އައްޔަންކުރަން ޖެހެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މިދިޔަ އަހަރުގެ ތިން ވަނަ ދައުރު ނިންމާ، ޗުއްޓީ އަށް ދިޔައީ އެކަމާ މެދު ގޮތެއް ނުނިންމަ އެވެ. ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތް ހާލަތެއްގައި ޖިނާއީ ޝަރީއަތްތައް ކުރިއަށް ގެންދެވިދާނެތޯ ގާނޫނީ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އަދި ބަންޑާރަ ނައިބަކު ނެތް ހާލަތެއްގައި، ދައުލަތުގެ މަދަނީ މައްސަލަތައް ކުރިއަށް ނުގެންދާ ގޮތަށް ސިވިލް ކޯޓުން ވަނީ ނިންމާފަ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގައި ހުރި ޖިނާއީ މައްސަލަތަކާއި އަލަށް އުފުލާ ޖިނާއީ ދައުވާތައް ކުރިއަށް ގެންދާނެތޯ ނުވަތަ ނޫންތޯ، މިއަދު އޮންނަ އެ ކޯޓުގެ ބައްދަލުވުމުން ނިންމުން އެކަށީގެންވެ އެވެ. "ކޯޓުގައި އެބަ ބާއްވާ މިއަދު ބައްދަލުވުމެއް. އެކަމަކު އެ މައްސަލާގައި އެއްޗެއް ބުނަން އެނގޭނީ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމުމުން،" ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ. މުއިއްޒު އިސްތިއުފާ ދެއްވުމުން ޕީޖީގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ ޑެޕިއުޓީ ޕީޖީ ހުސެން ޝަމީމެވެ. ގާނޫނީ ބައެއް މީހުންގެ ނަޒަރުގައި، ގާނޫނު ބުނާ 30 ދުވަހަށް ފަހު ޑެޕިއުޓީ ޕީޖީ އަށް އެ ޒިންމާތަކެއް ނުއުފުއްލެވޭނެ އެވެ. އެކަމަކު އަނެއް ބަޔަކު ބުނަނީ ޕީޖީއަކު އައްޔަންކުރަން ދެން ޑެޕިއުޓީ ޕީޖީ އަށް ހުރިހާ ޒިންމާއެއް ވެސް ނެންގެވޭނެ ކަމަށެވެ. އާ ޕީޖީގެ މަގާމަށް އައްޔަންކުރަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާފައި ވަނީ ތަޖުރިބާކާރު ގާނޫނީ ވަކީލެއް ކަމަށްވާ އަދި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދުގެ ނަންފުޅެވެ. މަޖިލިސް ޗުއްޓީ އަށް ދިޔަ އިރު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގެންދިޔައީ އެނަންފުޅު ދިރާސާކުރަމުންނެވެ. ރައްޔިތުންގެ މަޖިލިސް އަލުން ހުޅުވޭނީ މާޗު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ