ރައްޔިތުން މަޖިލީހުގެ މި ދައުރުގައި ގައުމަށް ހެޔޮ އެދިގެން ކުރި އެއްވެސް ކަމެއް ނެތް: އިބޫ

ރައްޔިތުން މަޖިލީހުގެ މި ދައުރުގައި ގައުމަށް ހެޔޮ އެދިގެން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި ކޮންމެ ބަޔަކު ވެސް މަސައްކަތްކޮށްފައި ވަނީ އެ އިރެއްގައި އަޣުލަބިއްޔަތު އޮތް ބައެއްގެ ސިޔާސީ ބޭނުންތައް ފުއްދުމަށްޓަކައި ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ޅ. ހިންވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ. އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގައުމަށް ފައިދާ ހުރީ ކޮން ގޮތަކަށްތޯ އާއި ރައްޔިތުންނަށް ފައިދާ ހުރީ ކޮންގޮތަކުންތޯ މެންބަރުން ނުބައްލަވާ ކަމަށެވެ. "އަޅުގަނޑު ވަރަށް ލަދުވެތި ކަމާ އެކު، ރައްޔިތުން މަޖިލީހުގައި 18 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ ކަން އޮތީ އެ ގޮތަށޭ. ރައްޔިތުން މަޖިލީހުގެ މި ދައުރުގައި މި ގައުމަށާއި ތި ރައްޔިތުންނަށް ހެޔޮ އެދިގެން، މުޅި ރައްޔިތުންނަށް ހެޔޮ އެދިގެން ކޮށްފައި ހަމަ އެއްވެސް ކަމެއް ނެތޭ ދެންނެވިދާނެ. ކަންތައްތައް ނިންމަވަމުން ގެންދިޔައީ މަޖިލީހުގައި އޭރު އަޣުލަބިއްޔަތު އޮތް ބަޔަކު ބޭނުންވާ ގޮތަކަށް އެ ބައެއްގެ ސިޔާސީ ބޭނުންތައް ފުއްދުމަށްޓަކައި،" ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި އެވެ. މިސާލު ދެއްވަމުން އިބޫ ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮތް އިރު މާލިއްޔަތު ގާނޫނަށް ގެނައި ބަދަލުގެ މަގުސަދަކަށްވީ އޭރު އޮތް ސަރުކާރު ހުއްޓުވުމަކަށް ގެނައުން ކަމަށެވެ. "އެހެން ނަމަވެސް މިއަދު އެ ވަނީ ބަޣާވާތަކަށް ފަހު ވެރިކަމާ ހަވާލުވެގެން ތިބި ސަރުކާރަށް ވެސް އެ ހިންގަން އެ ތިބި ބާޣީންނަށް ވެސް އެ މައްސަލަ ކުރިމަތިވެފައި،" އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވައިލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓާ ބެހޭ ގޮތުން ރަސްމީކޮށް ވަކި އެއްޗެއް ވިދާޅުނުވި ނަމަވެސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް އަމިއްލަފުޅަށް ގަބޫލުކުރައްވާ ކަމަށެވެ. "ކޯނީން ހަތަރު މެންބަރުން ސޮއިކުރައްވާފައި އެ އޮތް ރިޕޯޓަކީ އަޅުގަނޑަށް ގަބޫލުކުރެވޭނެ ރިޕޯޓެއް ނޫން،" އޭނާ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގެ ނާއިބު ރައީސް އަދި މިހާރު ރައީސް ކަމުގައި ހުންނެވި މުހައްމަދު ވަހީދާއި ވިޔަފާރިވެރިންގެ ބަޔަކާ ގުޅިގެން ހިންގީ ބަޣާވާތެއް ކަމަށެވެ. ވެރިކަން ބަދަލުވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކަކަށް އިބޫ ވަނީ އަލިއަޅުވާލައްވައި އިތުރު ތަފްސީލުތަކެއް ވެސް ދައްވައިފަ އެވެ. މި ގޮތުން ކުރީގެ ނާއިބު ރައީސް އެކަހެރިކޮށްފައި ބެހެއްޓި ޕޮއިންޓަށް އަލިއަޅުވާލައްވަމުން އިބޫ ވިދާޅުވީ ނަޝީދުގެ ރަނިންމޭޓަކަށް ވުމަށް ވަހީދު އެއްބަސްވުމެއްގައި ސޮއިކުރެއްވި އިރު ފޮރިން މިނިސްޓްރީ ހަވާލުކޮށްދެއްވުމަށް ޝަރުތު ކުރެއްވި ކަމަށެވެ. ނަމަވެސް ފަހުން ގާނޫނީ ލަފާ ހޯއްދެވި އިރު ނާއިބު ރައީސްއާ އެއްވެސް މިނިސްޓްރީއެއް ހިންގުން ހަވާލުކުރުމަށް ގާނޫނު އަސާސީ ތަން ނުދޭ ކަމަށް އިބޫ ވިދާޅުވި އެވެ. ޖުޑީޝަރީގެ ތެރޭގައި މައްސަލަތައް ހުރި ކަމަށް ކޯނީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ޕޮއިންޓާ ބެހޭ ގޮތުން އިބޫ ވިދާޅުވީ ޕްރޮސެކިއުޓަ ޖެނެރަލް އާއި ޕޮލިސް ކޮމިޝަނަރުގެ މައްޗަށް ވެސް ބާރު ހިންގަވަނީ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ މުހައްމަދު ކަމަށާއި އެ ކަމުން ވެސް ޖުޑީޝަރީ އޮތް ހާލަތު ވަރަށް ރަނގަޅަށް ހާމަވާ ކަމަށެވެ. ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވި އިރު އޭގެ ކުރިން 22 ރޭ މަތިން އިދިކޮޅު ފަރާތްތަކުން މުޒާހަރާކުރީ ނަޝީދުގެ ސަރުކާރުން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ބެހެއްޓުމާ ގުޅިގެންނެވެ. " 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު މުގައްރިރަކަށް އިން ކޮމިޓީއެއް އެއީ. އެ ކޮމިޓީ އަށް އެ ދުވަހު އަޅުގަނޑު ހާޒިރުކުރިން ޕްރޮސެކިއުޓަ ޖެނެރަލް އާއި ޕޮލިސް ކޮމިޝަނަރާއި އެ ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ ގާޒީއާ. އަޅުގަނޑަށް އެ ދުވަހު ފެނުނީ މި ހުރިހާ އެންމެންގެ މައްޗަށް، މި ހުރިހާ ބޭފުޅުންގެ މައްޗަށް ބަސް ކިޔާ މީހެއްގެ ގޮތުގައި އަބްދުﷲ ގާޒީ،" އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ޓެކްސްގެ މައްސަލާގައި ވިޔަފާރިވެރިންގެ ބަޔަކު ނަޝީދުގެ ސަރުކާރާ މެދު ހިތްހަމަނުޖެހުނު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު ބަޣާވާތުގައި ވިޔަފާރިވެރިންގެ ބަޔަކު ވެސް ބައިވެރިވާ ވާހަކަ ކަމަށެވެ. ވެރިކަން ބަދަލުވި ދުވަހު ކަންތައްތައް ގޯސްވެގެން ދިއައީ ރައީސް ނަޝީދު ބައެއް ބާރުތައް ބޭނުން ނުކުރައްވައިގެން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ޕޮއިންޓަށް އަލިއަޅުވާލައްވަމުން އިބޫ ވިދާޅުވީ ބާރުގެ ބޭނުންނުކުރާ ކަމަށް ބުނެފައިވަނީ ބަޑި ފަދަ ހަތިޔާރު ބޭނުންކުރެއްވުމަށް ނަޝީދު ދެކޮޅު ހެއްދެވުމުން ކަމަށެވެ. "އަޅުގަނޑު ހަނދާންވޭ އަޅުގަނޑު އެ ކޮމިޝަނަށް ގެންގޮސްފައި އެ ވިދާޅުވާ ޖަޖް އަޅުގަނޑާ ކުރެއްވި ސުވާލެއް. ކަލޭ ކީއްވެގެން ހެއްޔޭ ތި ބުނަނީ ރައީސް އިސްތިއުފާ ދޭން މަޖުބޫރުވެއްޖެއޭ. އެ ދުވަހު އޮތެއް ނޫންހޭ ބަޑި ނެގެން. ބަޑި ނަގާ ނުޖެހީ ކީއްވެގެން ހެއްޔޭ؟ އަޅުގަނޑު ދެންނެވީ އަޅުގަނޑުމެން ހަމަ ގައިމު ވެސް ރައީސް ނަޝީދު އާއި އެމްޑީޕީން ވެރިކަމަށް އައިސް މި ތިބީކީ ރައްޔިތުން ގަޔަށް ބަޑި ޖަހައިގެން ވެރިކަން ކުރާކަށެއް ނޫނޭ. އަޅުގަނޑު މިއަދު ވެސް އެ ކަމަށްޓަކައި، އެ ދުވަހު ހަތިޔާރުގެ ބޭނުން ނުކުރި ކަމަށްޓަކައި ރައީސް ނަޝީދަށް ފަށްފަށުން ޝުކުރު ދަންނަވަން،" އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ވެރިކަން ބަދަލުވީ ގާނޫނާ އެއްގޮތަށް ކަމަށް ރިޕޯޓުގައި ބުނެފައިވާ އިރު ގާނޫނާ އެއްގޮތަށް ވެރިކަން ބަދަލުވެ، ނާއިބު ރައީސް ވެރިކަމާ ހަވާލުވެއްޖެ ނަމަ މިހާރު ވެސް އޮންނަންޖެހޭނީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި ހިންގަންޖެހޭނީ އެމްޑީޕީގެ މެނިފެސްޓޯ ކަމަށެވެ. "ސިޔާސަތުތައް ހިންގަންޖެހޭނީ އެމްޑީޕީގެ ލަފަޔާ އެކީގައި. ވަހީދުގެ ކެބިނެޓުގައި ހަމަޔަގީނުން ވެސް ސަރުކާރުގައި ޕީޕީއެމްއަކާއި ޑީއާރުޕީއަކަށް ޖާގައެއް އޮވެގެންނެއް ނުވާނެ،" އިބޫ ވިދާޅުވި އެވެ. އިތުރު ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ވަކި ޕާޓީތަކަކާ އެކު ކޯލިޝަން ހަދައިގެން ކަމަށާއި އޭގެ ތެރޭގައި ޕީޕީއެމް އާއި ޑީއާރުޕީ ނުހިމެނޭ ކަމަށެވެ. އެހެންވުމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އެމްޑީޕީ ސަރުކާރުގެ ނާއިބު ރައީސް ވަހީދު ސަރުކާރުން ހިންގަންޖެހޭނީ އެމްޑީޕީގެ ލަފާގެ މަތިން ކަމަށްވާ އިރު ޕީޕީއެމް އާއި ޑީއާރުޕީ އަށް ސަރުކާރުން ޖާގަ ދީގެން ނުވާނެ ކަމަށެވެ. މިރޭގެ ޖަލްސާގައި އެމްޑީޕީގެ ޒުވާނުން ގޮފީގެ ރައީސް އާމިނަތު ޝައުނާ ވިދާޅުވީ ކޯނީގެ ރިޕޯޓު ގަބޫލުކުރާ ކަމަށް ސަރުކާރާއި ސިޔާސީ ބޮޑެތި ޕާތީތަކުން ގަބޫލުކުރާ އިރު އެ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންތައްތައް ވީ އެންމެ އަވަހަށް ކުރަންޖެހޭ ކަމަށާއި އެ ގޮތުން ފުލުހުންނާއި ސިފައިންގެ ތެރެއިން އަނިޔާކުރި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބު ދޭންޖެހޭ ކަމަށެވެ. ނަމަވެސް ކޮމިޝަނަރުގެ މަގާމުގައި އަބްދުﷲ ރިޔާޒާއި ޑިފެންސް މިނިސްޓަރު ކަމުގައި މުހައްމަދު ނާޒިމު ހުންނަވައިގެން އަނިޔާވެރިވި ފުލުހުންނާއި ސިފައިންނަށް އަދަބު ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިރޭގެ ޖަލްސާ އަށް ފަހު އެމްޑީޕީން ވަނީ މަގުމައްޗަށް ނުކުމެ އަޑު އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ