ތައުލީމާ ދާއިރާގެ މުވައްޒަފުން ސިޔާސީ ނުވުމަށް އެޑިއުކޭޝަން މިނިސްޓަރު ގޮވާލައްވައިފި

ތައުލީމީ ދާއިރާގެ މުވައްޒަފުން ރާއްޖެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުވަނުމަށް އެޑިއކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު އިލްތިމާސް ކުރައްވައިފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އާސިމް ވިދާޅުވީ، ރާއްޖޭގައި 200 އަށްވުރެ ގިނަ ސުކޫލް ހުރިއިރު ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހުރިހާ ފަރާތްތަކެއް ވެސް ތައުލީމީ ކަންކަމުގައި ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ސިޔާސީ ކަންކަމުގައި އެ މުވައްޒަފުން ހަރަކާތްތެރިވިއަސް އެކަންކަން ތައުލީމީ ދާއިރާއާ އެއް ފަރާތުގައި ބާއްވަން ގޮވާލަން. ކިޔަވައިދޭ ވަގުތު ތަކުގަ އާއި ސުކޫލްގައި ދަރިވަރުން ހޭދަކުރާ ވަގުތުގައި ސިޔާސީ އެއްވެސް ވާހަކައެއް ވެސް ނުދެއްކުމަށް އަޅުގަނޑު އެދެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓާ އިތުރަށް ވިދާޅުވީ، ރާއްޖެއަށް އައި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ތައުލީމީ ދާއިރާގައި ތިއްބެވި ގާބިލު ފަރާތްތައް ތައުލީމީ މަސައްކަތް ދޫކުރައްވައި ސިޔާސީ ދާއިރާގެ އެކި މަގާމުތައް ހިޔާރު ކުރުމުން ތައުލީމާ ދާއިރާގައި ތިބި ގާބިލް އެތައް ބަޔަކު ގެއްލިފައިވާ ކަމަށެވެ. އެގޮތް މެދުވެރިވީ ތައުލީމީ ދާއިރާގެ އާމްދަނީ ކުޑަވުމުން ކަމަށާއި ފަންނީ ގާބިލް މީހުން ދާއިރާގައި ބައިތިއްބުމަށް ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައާ އެލަވަންސްތައް އިތުރުކުރަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ