ހޯމްމިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ޚިޔާލު ތަފާތުވެގެން ކަމަށް ކުރީގެ ހޯމްމިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިއަދު ނޫހަށް ދެއްދި އިންޓަވިއުއެއްގައި ވިދާޅުވީ "އަޅުގަނޑު އިސްތިއުފާދިނީ ރައީސް ޔާމީނާ ޚިޔާލު ތަފާތުވެގެން،" ކަމަށެވެ. އެހެހެންނަމަވެސް ރައީސް ޔާމީނާ ޚިޔާލު ތަފާތުވީ ކޮންކަމަކާ ކަމެއް އުމަރު ވިދާޅު ނުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަންކަމަކީ ހާމަކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. "ރައީސާއި އެމަނިކުފާނުގެ ކެބިނެޓް ވަޒީރަކާ ދެމެދު ދެކެވޭ ވާހަކަތައް ކޮންމެހެން ދައްކާކަށް ނުޖެހޭނެ. ހަމައެކަނި ބުނެލާނީ އަޅުގަނޑު އިސްތިއުފާ ދިނީ ރައީސް ޔާމީނާ ޚިޔާލު ތަފާތުވެގެންނޭ،" އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވަން އެއްވެސް ވަރަކަށް ޖެހިލުންވެ ވަޑައިނުގަނަވާކަމަށެވެ.
އުމަރު ކުރިން ވިދާޅުވެފައިވަނީ އޭރަކު ހުންނަވާ ރައީސަކާ ވަދަކުރެއްވުކީ ސިޔާސީ ގޮތުން ހެދޭ ގޯހަކަށް ވެދާނެ ކަމަށެވެ. އެހެން ކަމުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަ ނުކުރައްވާނެ ކަމަށް ކުރިން ވިދާޅުވިއެވެ.
ރައީސް ޔާމީނާ ވާދަކުރައްވަން ނިންމެވީ ކީއްވެތޯ ދެންނެވުމުން އުމަރު ވިދާޅުވީ "އަޅުގަނޑު އެހެންބުނިއިރު ރައީސް ޔާމީން ހުންނެވީ ވަރަށް ވަރުގަދަކޮށް. އެކަމަކު އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން އެމަނިކުފާނު ދޫކުރައްވައި ވަޑައިގެންފި. ހުރިހާ ކަޑަތައް ނެއްޓިއްޖެ. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ އެންމެފަހުންހުރި ކަޑަވެސް ނެއްޓިގެން ދިޔުމުން. އެއީ ރައީސް މައުމޫން. މައުމޫނަށްފަހު ރައީސް ޔާމީން އަރިހުގައިނެތް އެފަދަ ބޭފުޅަކު. އެހެންކަމުން ރިޔާސީ އިންތިޚާބު ޔާމީނަށް ކާމިޔާބު ނުވާނެކަން ދުވާލުގެ އިރުފެންނަހެން އަޅުގަނޑަށް ޔަގީން،" އުމަރު ވިދާޅުވިއެވެ.
އުމަރުވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. އެނިންމުން ނިންމެވީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކުރެއްވުމަށްވުރެ އެމަނިކުފާނުގެ ބާރު ކުޑަވެފައިވާ ކަމަށް ޔާގީންވުމުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އިސްތިއުފާދިނީ ރައީސް ޔާމީނާ ޚިޔާލު ތަފާތުވެގެން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ